ޚަބަރު

އިންސާނީ ހައްގުތަކަށް ރާއްޖޭގައި އަޑުއުފުލުމަކީ ނުރައްކާތެރި ކަމަކަށް ހަދަން އުޅޭތީ އުތެމާއިން އެކަން ކުށްވެރިކޮށްފި

4

އަންހެނުންނާ މެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމާބެހޭ އދ. ގެ ބައިނަލްއަގްވާމީ މުއާހަދާ (ސީޑޯ)ގެ ކޮމެޓީއަށް ދިވެހި ދައުލަތުން ތައްޔާރުކޮށް މިދިޔަ އަހަރުގެ އޭޕްރިލް މަހު ހުށަހަޅާފައިވާ ހަ ވަނަ ޕީރިއޮޑިކް ރިޕޯޓާ ހަވާލާދީ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އުތެމާ" އިން ތައްޔާރުކުރި ރިޕޯޓާ ގުޅިގެން ފަތުރަމުންދާ ވާހަކަތައް އެ ޖަމިއްޔާއިން ކުށްވެރިކޮށްފިއެވެ.

އުތެމާއަކީ ދިވެހި އަންހެނުންގެ ހައްގުގައި އަދި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރުމަށް 2016 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާއެކެވެ.

އުތެމާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިންސާނީ ހައްގުތަކަށް ރާއްޖޭގައި އަޑުއުފުލުމަކީ ނުރައްކާތެރި ކަމަކަށް ހަދަން ބަޔަކު މަސައްކަތް ކުރާކުރުން ކުށްވެރިކުރާ ކަމަށެވެ. އަދި ސިޔާސީ މަންފާއެއް ހޯދުމަށް އެއްބަޔަކު އަނެއްބަޔަކާ ފޮށި ފުރައްސާރަކޮށް ބޭއިހްތިރާމު ކުރުމަކީ ދިވެހިންގެ ތެރޭގައި އާންމު އުސޫލަކަށް ނުހެދުމަށް ވެސް ގޮވާލާފައިވެއެވެ.

އެ ޖަމިއްޔާއިން ބުނީ، ރާއްޖޭގެ އެތައް ނިކަމެތި އާއިލާތަކަށާއި އިޖުތިމާއީ ހާލަތަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ސާފުކޮށް، ހެކިތަކާއި ތަފާސްހިސާބުގެ އަލީގައި އިލްމީ ދިރާސާތައް އެކުލަވާލުމަކީ ރާއްޖޭގެ ހާލަތު ހަގީގަތުގައި ވެސް އޮތްގޮތް ވަޒަންކުރުމަށް ތަފާތު އެކި ފަރާތްތަކަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ސީޑޯއަށް ހުށަހެޅުމަށް އެ ޖަމިއްޔާއިން ތައްޔާރުކޮށްފައިވާ ރިޕޯޓަކީ ދައުލަތުގެ އެކި މުއައްސަސާތަކުން މައުލޫމާތު ހޯދައިންގެންނާއި ރާއްޖޭގެ މަސައްކަތްތެރި ބައެއް އަންހެނުންނާ ސީދާ މުއާމަލާތްކޮށް އެމީހުންގެ ދިރިއުޅުމުގެ ތަޖުރިބާ އާއި ގޮންޖެހުންތައް ދެނެގަތުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް އުތެމާ އިން ބުނެއެވެ. އަދި އެފަދަ ރިޕޯޓުތައް މިނިވަންކަމާއެކު ތައްޔާރުކުރުމުގެ ފުރުސަތު މަދަނީ މުޖުތަމައުއަށް ފަހިވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ވެސް އެޖަމިއްޔާގެ ބަޔާނުގައި ވެއެވެ.

"ސީޑޯ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓަކީ ސައްހަ މައުލޫމާތު ހިމެނޭ ރިޕޯޓަކަށްވާއިރު، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތައް ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ރައްޔިތުންނަށް އޮޅުވާލުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ރާއްޖޭގެ ހީނަރުވެފައިވާ އިޖުތިމާއީ ހާލަތުން އަރައިގަތުމަށް ހުރަސްއެޅުމަށް ކުރާކަމެއް ކަމުގައި ދެކެމެވެ." އުތެމާގެ ބަޔާނުގައި ވެއެވެ.