ލައިފް ސްޓައިލް

ޕީރިއަޑްވުން ލަސްވޭތަ؟ ބައެއް ސަބަބު އަދި ހައްލު

އީމާ މުހައްމަދު ވަހީދު

ޕީރިއަޑް ނުވަތަ ހައިލުވުން ލަސްވުމަކީ ގިނަ އަންހެނުންނަށް އާއްމުކޮށް ދިމާވާ މައްސަލައެކެވެ. މިއީ އާއްމުކޮށް ދިމާވާ މައްސަލައެއް ނަމަވެސް އެހާ ބޮޑަށް އަޅައިނުލައި ދޫކޮށްލެވޭ ކަމެކެވެ. އެހެންނަމަވެސް، ޕީރިއަޑް ލަސްވުމަކީ ސިއްހީ މައްސަލައެއް އުޅޭ ކަމުގެ ނިޝާނަކަށްވެސް ބައެއް ފަހަރު ވެދެއެވެ. ނުވަތަ ބައެއް ހާލަތްތަކުގައި ޕީރިއަޑް ލަސްވަނީ ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތުންނެވެ.

ގަވައިދުން ޕީރިއަޑްވުމަކީ އަންހެން މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ނިޝާނަކަށްވާ ސަބަބު އެނގުން ވަރަށް މުހިންމެވެ. އެގޮތުން ބެންގަލޫރުގެ ފޯޓިސް ލަ ފޭއްމޭ ހޮސްޕިޓަލުގެ ގައިނަކޮލޮޖިސްޓެއް ކަމަށްވާ ޑރ ގީތާ މޮނައްޕާ ބުނީ، ގަވައިދުން ޕީރިއަޑް ވުމަކީ އަންހެނާގެ ރިޕްރޮޑަކްޓިވް ސިއްހަތު ދުޅަހެޔޮ ކަންމަތީ ހުރި ކަމުގެ ނިޝާނެއް ކަމަށެވެ. ޑރ ގީތާ ބުނީ، ގަވައިދުން ޕީރިއަޑް ވުމަކީ އަންހެނާގެ ސިކުނޑިން އޮވަރީއަށް ދައުރުކުރާ ހޯމޯންސް ރަނގަޅަށް ދައުރުވާ ކަމުގެ ނިޝާނެއް ކަމަށެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއާއި މީހާ އުޅޭ މާހައުލަކީ ޕީރިއަޑް ލަސްވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަން ފާހަގަކުރަމުން ޑރ ގީތާ ބުނީ، ގިނަ ގައުމުތައް ލޮކްޑައުން ކޮށްފައިވާ މިދަނޑިވަޅުގައި އަންހެނުންގެ ޕީރިއަޑް ލަސްވުމަކީ ސަޕްރައިޒެއް ނޫން ކަމަށެވެ. ލޮކްޑައުން ދުވަސްވަރު، އަންހެނުންގެ ޕީރިއަޑް ލަސްވާން ދިމާވާ ސަބަބަކީ، ދިިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް ކަމަށް އޭނާ ފާހަގަކުރިއެވެ. އޭގެތެރޭގައި ވަޒީފާއަށް ނުދިއުމާއި ބަރާބަރަށް ކަސްރަތު ނުކުރެވުމާއި، ކަންކަމާއި ވިސްނުމާއި ކެއުންބުއިމަށް އަންނަ ބަދަލުތައް ވެސް ހިމެނެއެވެ.

ނަނަވަޓީ ސުޕަރ ސްޕޭޝަލަޓީ ހޮސްޕިޓަލުގެ ގައިނަކޮލޮޖިސްޓެއް ކަމަށްވާ ޑރ ގައިތުރީ ދޭސްޕާންޑޭ ބުނީ، މިދުވަސްވަރު ޕީރިއަޑް ލަސްވެގެން ޑޮކްޓަރަށް ދައްކާ އަންހެނުންގެ އަދަދު ގިނަ ކަމަށެވެ. އަދި އެހެން ދިމާވަނީ ދިގު މުއްދަތަކަށް ގޭގައި ބަންދުވެފައި ތިބެން ޖެހުމުން ކުރިންހެން އެހާ އެކްޓިވްކޮށް ނޫޅެވުމާއި ކަންކަމާ ވިސްނައި ހާސްވާތީ ކަމަށެވެ. މީގެ އިތުރުން ޑރ ގައިތުރީ ބުނީ ހަމައެކަނި ގޭތެރޭގައި މަސައްކަތް ކޮށް ހީވަގި ވެގެން އުޅުމުން ޕީރިއަޑް ލަސްވާ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށާއި، ކާއިރު ހަށިގަނޑަށް ފައިދާ ހުރި އެއްޗެހި ކެއުމަކީވެސް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ކެއުމުގައި ކެލޮރީ މަދުން ހުންނަ ބާވަތްތައް ހިމެނުމާއި، ގިނައިން ފައިބަރުގެ މާއްދާ ހިމެނޭ އެއްޗެހި ކެއުމަށް އޭނާ އިރުޝާދު ދެއެވެ.

ނިއުނޯމަލް އަށް ގިނަ ގައުމުތައް ދާ މިދުވަސްކޮޅު، ސިއްހަތަށް ބަލައިގެން ދިރިއުޅުމުގެ ވައްޓަފާޅި ކުރިޔަށް ގެންދިއުމަކީ މުހިންމު ކަމެކެވެ. އެގޮތުން ހަަށިގަނޑަށް ފައިދާހުރި ތަރުކާރީއާއި މޭވާގެ ބާވަތްތައް ކެއުމާއި ތައްޔާރީ ކާނާތަކާއި ލުއީ ކާނާތައް ކެއުމާއި ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެއިތުރުން، ދުވާލަކު މަދުވެގެން ބައިގަޑިއިރު، ސިކުނޑި ހަމަޖައްސާލުމަށް ލުއި ކަސްރަތު ކުރާށެވެ. މީގެ އިތުރުން ނަފްސާނީ ސިއްހަތު ދުޅަހެޔޮ ކޮށް ބެހެއްޓުމަށްޓަކައި އާއިލާއާ އެކީ އުފާވެރި ވަގުތުތައް ހޭދަކޮށް މަޖާ ކުރާށެވެ.

ގިނަގިނައިން ޕީރިއަޑް ލަސްވެ ސިއްހީ އެހެން މައްސަލަތައް ދިމާވާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަކަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.