އަބްދުﷲ ޖާބިރު

ގެއްލުމުގެ ބަދަލުގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދަން ޖާބިރު ދައުލަތާ ދެކޮޅަށް ދައުވާކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

ޕާސްޕޯޓް ކެންސަލް ކުރުމުން ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލުގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.

ޔޮޓް ޓުއާރސް ކުންފުނީގެ ޗެއާމަން ކަމުގައި ހުންނެވި ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކަނޑައެޅުމާ ގުޅިގެން ޖާބިރު ވަނީ ލިބިވަޑައިގެންނެވި މަދަނީ ބަދަލުގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދުމަށް ދައުލަތާ ދެކޮޅަށް ދައުވާކުރައްވަން ނިންމަވައިފައެވެ. ޖާބިރު ވިދާޅުވީ ގާނޫނާ ހިލާފަށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ.

އެގޮތުން އޭނާ އަކީ ވިޔަފާރިވެރިއަކަށް ވެފައި، ދަތުރު ނުކުރެވުމުގެ ސަބަބުން ހިނގަހިނގާ ހުރި އެތަކެއް ވިޔަފާރިއަކާއި ޕްރޮޖެކްޓް ތަކަކަށް ގެއްލުންވި ކަމަށް ވިދާޅުވިއެވެ.

އަދި އެކަމުގެ ސަބަބުން އާއިލާ އާއި ވިޔަފާރިއާ ދުރުގައި އިނގިރޭސި ވިލާތުގައި ގިނަ ދުވަސްވަންދެން ހުންނަވަން ޖެހިވަޑައިގެންނެވި ކަމަށް ޖާބިރު ވިދާޅުވި އެވެ. އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ޖާބިރު އެގައުމުގައި ދިރިއުޅުއްވުމަށްފަހު ރާއްޖެ ވަޑައިގަތީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޖާބިރު ވިދާޅުވީ، އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ގާނޫނީ ޓީމުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިންމައި ވަރަށް އަވަހަށް ސިވިލް ކޯޓަށް މައްސަލަ ވައްދާނެ ކަމަށެވެ.

ޖާބިރުގެ ޕާސްޕޯޓު އިމިގްރޭޝަނުން ކެންސަލްކުރި މައްސަލައިގައި އިއްޔެ ކޯޓުން ވަނީ އިމިގްރޭޝަން ގާނޫނާއި ޕާސްޕޯޓާ ބެހޭ ގާނޫނުގެ އިތުރުން އެހެން ގާނޫނުތަކާއި ގަވާއިދުތަކުގައި އޮތް ގޮތުން، ދިވެހި އެއްވެސް ރައްޔިތެއްގެ ޕާސްޕޯޓެއް ބާތިލް ކުރުމުގެ ބާރު އިމިގްރޭޝަނަށް ނޯންނާނެ ކަމަށް ކަނޑައަޅައި ހުކުމްކޮށްފައެވެ.

ޖާބިރުގެ ޕާސްޕޯޓު އިމިގްރޭޝަނުން ބާތިލްކޮށްފައި ވަނީ 2017 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ.