ކުއްލި ޚަބަރު

އަދުރޭ ވިދާޅުވަނީ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް، ޑރ. ވަހީދު ވިދާޅުވަނީ އެންމެންނަށްވެސް ފުރުސަތު އޮންނާނެ ކަމަށް

ރިޔާސީ އިންތިހާބު 2023ގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި އިރު، އެންމެންނަށް ވެސް ފުރުސަތު އޮންނާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލީ ފަހުން ޕީޕީއެމުން އެންމެ ފުރަތަމަ ބޭއްވި ގައުމީ މަޖިލިސްގައި ވަނީ 2023 ވަނަ އަހަރު ޕްރޮގްރެސިވް ކޯލިޝަނުން ނެރޭނެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ބުނެފައެވެ. އަދި އެގޮތަށް އެ މަޖިލީހުގެ މެންބަރުން އިއްތިފާގުވެސް ވެފައިވެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމްގެ ގައުމީ މަޖިލީހުން ނިންމީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެ ނިންމުން މިއަދާ ހަމައަށް އައިިއިރުވެސް ބަދަލުކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް ޕްރޮގްރެސިވް ކޯލިޝަންގެ ސްޕެޝަލް އެޑަވައިޒަރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަނުގައި އެންމެންނަށްވެސް ރައީސް ކަމަށް ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ރައީސް ވަހީދު މިފަދައިން ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން އެކަމަށް ޖަވާބު ދެއްވަމުންނެވެ.

"ރިޔާސީ އިންތިހާބުގެ ކަންކަމުގައި އަޅުގަނޑު ކުރިން ދެންނެވިހެން ހުރިހާ އެންމެންނަށްވެސް ފުރުސަތު އެބައޮތް މި ޕާޓީގައި. ކޮންމެ ބޭފުޅަކަށްވެސް އެބަ އޮތް. އަޅުގަނޑު މި ދަންނަވަނީ ތެދަށް. އަޅުގަނޑު ސީރިއަސް ކަމާއެކުގައި ނުވިސްނަން އެކަމާ" ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ، އެމަނިކުފާނު މިހާރު ހުންނެވީ އުފަލުން ކަމަށާއި، ވެރިކަން ކުރުމުގެ ފުރުސަތުވެސް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ވެރިކަން ހޯދުމުގެ ނިޔަތުގައި އިތުރު އުފަލެއް ބޭނުން ނުވާ ކަމަށާއި ނަމަވެސް ޕްރޮގްރެސިވް ކޯލިޝަނުން އެދިލައްވައިފިނަމަ ވެރިކަމަށް ވާދަކުރުމާމެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު އޭރު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް ވަހީދަކީ އެއިރުގެ ނައިބު ރައީސެވެ.