ޚަބަރު

މަރު ކޮމިޝަނުން ރައީސް ނަޝީދަށް ރައްދު ދީފި

ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަަލަތައް ތަހުގީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށް އެ ކޮމިޝަނުން އަންގާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށް މަރު ކޮމިޝަނުން ރައްދު ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަރުކަށި ފިކުރާ ގުޅޭ ސުވާލެއް މެންބަރަކު ކުރެއްވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޑްރާފްޓް ރިޕޯޓް އާންމުވުމުން މަރުތައް ތަހުގީގުކުރާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެ ކޮމިޝަނުން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެކަމަށް ރައްދުދީ މަރު ކޮމިޝަނުން ދާދި ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮމިޝަނުން ބަލަމުން އަންނަ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނެފައި ނުވާނެ ކަމަށާއި އެ ކޮމިޝަންގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތައް ގޮސްފައިވާ ހިސާބު ލިޔުމުން އެންގުމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައިވާތީ، ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު އަދި ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދަންނަވާފައިވާނެ ކަމަށް ބަޔާނުގައި ވެއެވެ.

މަރު ކޮމިޝަނުން ބަލަމުން އައި މައްސަލަތަކުގެ ތެރެއިން ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާ ބެހޭ ޑްރާފްޓް ރިޕޯޓަކާއި ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި ޖަރީމާއާ ގުޅޭ ރިޕޯޓެއް މަޖިލީހަށް ފޮނުވިއެވެ. ކޮމިޝަނުން އަމިއްލަޔަށް ވެސް އޭގެ ބައެއް މައުލޫމާތު އާއްމުކުރި ނަމަވެސް މުޅި ރިޕޯޓް އާއްމުކުރީ މަޖިލީހުންނެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓްގެ ޑްރާފްޓް މަޖިލީިހަށް ލިބުނުއިރު ހުރި މިންވަރަށް ދައުވާ ނުކުރެވުނީ ކީއްވެތޯ، އެއީ މަޖިލީހުން އަބަދުވެސް ފާހަގަ ކުރަމުން އަންނަ ކަމަށެވެ.