އިންސާފު ހޯދައިދޭން ވީ ވައުދު ފެއިލް ވެއްޖެ ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން މި ސަރުކާރުން ކޮމިޝަންތައް ހަދައިގެން ކުރަނީ ބޮޑު އިސްރާފެއް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި ނަތީޖާއެއް ނުފެންނަނީސް އިންސާފު ނުލިބުމުގެ ޒިންމާއަކުން ނުރެކެވޭނެ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
އާދަމް ޝަރީފު ވިދާޅުވީ ނަތީޖާއެއް ނުނެރޭވޭކަމަށް ވާނަމަ، ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި މިފަދަ ނަތީޖާ ނުނެރެވޭކަން ކަމަށް 2.3 މިލިއަނަށްވުރެ ބޮޑު އަދަދެއް ހަރަދު ކުރީ ކީއްވެތޯ ބަލާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ނަޝީދު ވަނީ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބަލާ ދެ މައްސަލަ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އާއި، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދައުވާ ނުކުރެވި ވަނީ ފުލުހުންގެ އިހުމާލުން ކަަމަށްވެސް ވިދާޅުވެފައެވެ.