މަޖިލީހުގެ ރައީސް

ޑރ. އަފްރާޝީމާއި ރިލްވާންގެ މަރުގެ މައްސަލައިގައި ދައުވާ ނުކުރެވި ވަނީ ފުލުހުންގެ އިހުމާލުން: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އާއި، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދައުވާ ނުކުރެވި ވަނީ ފުލުހުންގެ އިހުމާލުން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ޑރ. އަފްރާޝީމް އަވަހާރަ ކޮއްލި މައްސަލައިގައި މަރުކޮމިޝަނުން މަޖިލީހަށް ފޮނުވި ރިޕޯޓް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް، އެ މައްސަލައިގައި ދައުވާކުރަން ޖެހޭ ފަރާތްތަކުގެ މައުލޫމާތު ހިމަނައިގެން ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށެވެ.

"އެ ރިޕޯޓުގައި ކޮމިޓީން ފާހަގަކުރި، ކޮމިޓީން ދެކޭގޮތުގައި އަޅަންވީ ފިޔަވަޅުތަކެއް، ދައުވާ ކުރަންވީ ފަރާތްތަކެއް. ކޮމިޓީ ރިޕޯޓްގެ އެއްވަނަ އެނެކްސްގައި ފާހަގަަކޮށްފަވޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފައިސާ ބަދަލު ކުރެވިފައިވާ ފަރާތްތަކުގެ ލިސްޓު. އޭގެ 12 މީހަކު ރިޕޯޓްގައި ފާހަގަކޮށްފައިވޭ. ހައްދު ފަހަނަ އަޅާފައިވާ ފިކުރުގެ ޖަމިއްޔާ، ޖަމާއަތްތަކުގެ ލިސްޓު. އޭގެ ހަތަރު ޖަމިއްޔާއްގެ ނަން ރިޕޯޓްގައި ފާހަގަކޮށްފައިވޭ، ޑރ. އަފްރާޝީމް އަލީގެ މަރާގުޅޭ އެކި އެކި ކަންކަމުގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކުގެ ލިސްޓު. އޭގެ 36 ފަރާތް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލިސް ކޮމިޓީން އެދިފައިވާނީ އަފްރާޝީމުގެ މަރުގެ ރިޕޯޓުގައި ހުރި މިންވަރަށް ދައުވާކޮށްދިނުމަށް ކަމަށެވެ. އަދި އެ ފަރާތްތަކުގެ ނަމާއި އެމީހުން ކުރި ކަންތަކުގެ ތަފްސީލް ރިޕޯޓުގައި ހިމެނޭ ކަމަށާއި، އެ ކަމުގައި ހަމައެކަނި ދެން ކުރަން އޮތް ކަމަކީ ދައުވާކުރުން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރިލްވާންގެ މައްސަަލައިގައި ކޮމިޝަނުން މަޖިލީހަށް ލިބިފައިވަނި ހުލާސާ ރިޕޯޓެއް ކަމަށެވެ. ނަމަވެސް އެ މައްސަލައާބެހޭ ތަހުގީގީ ރިޕޯޓް ފޮނުވަން ކޮމިޝަނަށް ހުށަހަޅާފައިވީ ނަމަވެސް އިތުރު އެއްޗެއް ނުފޮނުވުމުގެ ސަަބބުން 1 ސެޕްޓެމްބަރު 2019 އިން ފެށިގެން އެ މަނިކުފާނުގެ މޭޒުމަތީގައި އަދިވެސް އެ ހުލާސާ ރިޕޯޓް އެބަ އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ރިލްވާންގެ މަރުގެ މައްސަލައާ ގުޅޭ އެ ހުލާސާ ރިޕޯޓުގައިވެސް އެ މައްސަލައިގައި ދައުވާކުރެވޭ މިންވަރަށް މައުލުމާތު ހިމެނޭކަމަށް ގާނޫނީ ވަކީލުން ފާހަގަ ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަތަކަށް ދައުވާ ކުރުމަށް ފުލުހުން އެ މައްސަލަތައް ޕީޖީއަށް ފޮނުވާފައި ނުވާތީ ދައުވާ ކުރެވިފައި ނުވާކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ އެކަމުގައި ދައުވާ ނުކުރެވި ވަނީ ފުލުހުންގެ އިހުމާލުން ކަމަށެވެ.

އެކަންކަމުގައި ފުލުހުންގެ އިހުމާލު އޮތްކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، އަފްރާޝީމްގެ މަރުގެ ރިޕޯޓްގައި ފުލުހުން އިހުމާލުވާ މިންވަރު ފުލުހުންގެ ކަންތައްތަކާއި ނަމާއެކު ހާމަކޮށްފައިވާ ކަމަށެވެ.