Close
ޚަބަރު

ދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ އިތުރު ރިޕޯޓެއް، ފަންޑުކުރީ އެމްޑީއެންގެ ރިޕޯޓަށްވެސް ފަންޑުކުރި ފަރާތުން

1

ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އެހެން ޖަމިއްޔާއަކުން އިސްލާމްދީނާ ހިލާފު ބައެއް ވާހަކަތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ މައްސަލަ ފެންމަތި ވެއްޖެއެވެ.

އެ ރިޕޯޓް ތައްޔާރުކޮށްފައިވަނީ ދިވެހި އަންހެނުންގެ ހައްގުގައި އަދި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރުމަށް 2016 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ "އުތެމާ" ނަމަކަށް ކިޔާ ޖަމިއްޔާއަކުންނެވެ. އެ ޖަމިއްޔާގެ ފައުންޑަރުންގެ ގޮތުގައި ތިއްބަވަނީ ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ އެސިސްޓެންޓް ރެޕްރެސެންޓޭޓިވް ޝާދިޔާ އިބްރާހީމާއި ހިއުމަން ރައިޓްސް ރިސާޗަރެއް ކަމަށްވާ ހުމެއިދާ އަބްދުލް ގަފޫރު އަދި މަރިޔަމް މުހައްމަދު ދީދީކަން "ވަން" އަށް ވަނީ އެނގިފައެވެ.

ދީނާ ހިލާފު ވާހަކަތަކެއް ހިމަނާފައިވަނީ އަންހެނުންނާ މެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމާބެހޭ އދ. ގެ ބައިނަލްއަގްވާމީ މުއާހަދާ (ސީޑޯ)ގެ ކޮމެޓީއަށް ދިވެހި ދައުލަތުން ތައްޔާރުކޮށް މިދިޔަ އަހަރުގެ އޭޕްރިލް މަހު ހުށަހަޅާފައިވާ ހަ ވަނަ ޕީރިއޮޑިކް ރިޕޯޓާ ހަވާލާދީ އެކޮމިޓީއަށް ހުށަހެޅުމަށް އެޖަމިއްޔާއިން ތައްޔާރުކޮށްފައިވާ ޝެޑޯ ރިޕޯޓެއްގައެވެ.

މި ރިޕޯޓު ހެދުމަށް ފަންޑުކޮށްފައިވާ ފަރާތް ކަމަށް ރިޕޯޓުގައި ބުނެފައި ވަނީ، އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުމުގެ ސަބަބުން އުވާލާފައިވާ އެމްޑީއެންގެ ރިޕޯޓް ހަދަންވެސް އެހީތެރިވި "ކެނެޑާ ފަންޑް ފޮ އިނީޝިއެޓިވްސް" އެވެ.

އުތެމާގެ ރިޕޯޓްގައި ބުނެފައިވާ ބައެއް ކަންކަމަށް ބަލާއިރު ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރިއްޔާތާއި އޭގެ ތެރޭގައި އަންހެނުންނާ މެދު ތަފާތުކުރުންތައް ކުރިއަރުވައި އަންހެނުންނަށް އަނިޔާކުރުން ފަދަ އިޖްތިމާއީ ހަމަޖެހުން ގެއްލޭ ފަދަ ވާހަކަތައް ޝަރީއާގެ އެކި ތަރުޖަމާތައް ބޭނުންކޮށްގެން ދެކެވޭ ވާހަތަކުގެ އަސަރު ރާއްޖެއަށް ވެސް ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އޭގެ އިތުުރުން އެމްޑީއެންއިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓުގައި އެ މައްސަލައިގެ ސަބަބުން ސްކޫލްތަކުގައި މަންހަޖަށާއި މުއަސްސާތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެފައިވާ އާހިރު ނަތިޖާއާއި ބެހޭގޮތުން ސަރީހަ މައުލޫމާތުތަކެއް އެކުލެވިފައި ވާތީ، އެމްޑީއެންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ދީނީ ގޮތުން ހައްދުފަހަނަ އަޅައިދިއުމުގެ މައްސަލައިގެ މުހިންމުކަން ބަލައިގަނެ އެކަންކަމާ ދޭތެރޭގައި ފިޔަވަޅު އެޅުމަށް ވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ.

ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، ޖިންސީ ކުށުގެ ގާނޫނު 2014 ގައި ކައިވެނީގެ ތެރޭގައި ރޭޕް ކުރުމުގެ ކުށް އެކަށީގެންވާ މިންވަރަށް މަނާކުރެވިފައި ނެތް ކަމަށެވެ. އަދި ވަކި ހާލަތްތަކެއްގައި އެބޯޝަން އެއީ ހުއްދަ ކަމެއް ކަމުގައި ބުނެ 2013 ވަނަ އަހަރު ރާއްޖޭގެ ފިޤުހު އެކަޑަމީން ފަތުވާއެއް ނެރެފައި އޮތްނަމަވެސް އެކަން އެގޮތަށް ހިނގާކަން ދޭހަކޮށްދޭނޭ ތަފާސް ހިސާބެއް ނެތް ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން އެބޯޝަންއާ ގުޅޭ ހައްސާސް ބައެއް މައްސަލައިގައި ޑޮކްޓަރުންނަށް ވަކީލުންގެ ފަރާތުން ގާނޫނީ ލަފާދީފައިވަނީ ފަތުވާ ކޮމިޓީން ލަފާ ހޯދުމަށް ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

މި ރިޕޯޓްގެ މައްސަލަ ފެންމަތިވުމާއެކު އުތެމާ ބޮއިކޮޓް ކުރުމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ގޮވާލަމުން އަންނައިރު އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ޖަމާލް "ވަން" އަށް ވިދާޅުވީ، އެފަދަ މައްސަލަތައް ބަލަން އިސްލާމިކް މިނިސްޓްރީގައި އޮންނަ ދީނީ ހޭލުންތެރިކަމުގެ މަސައްކަތްކުރާ ސެކްޝަނަށް އެ ރިޕޯޓްގެ މައްސަލަ ރަސްމީ ސިފައެއްގައި ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން ސޯޝަލް މީޑިއާގައި ފެންމަތިވުމުން އެ މައްސަލަ އެ ސެކްޝަނުންނާއި ވާއިލުން ވެސް ބަލައި ދިރާސާ ކުރެއްވުމަށް އަންގަވާފައިވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އުތެމާގެ ރިޕޯޓާ ގުޅިގެން ޝައިހް ޝަފީއު އަބްދުﷲ ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓްގައި ސްކޫލްތަކުގައި މަންހަޖަށާއި މުއަސްސަސާތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެފައިވާ އާހިރު ނަތިޖާއާއި ބެހޭގޮތުން ސަރީހަ މައުލޫމާތުތަކެއް އެކުލެވޭ ކަމަށް ބުނެފައި ވުމަކީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް މާއްދާގައިވާ ކަމަށް ބަޔާންކޮށްފައިވާ މައްސަލަތަކަކީ ސިއްހަ މައުލޫމާތުތަކެއް ކަމަށެވެ.

ނަމަވެސް އެމްޑީއެންގެ ރިޕޯޓްގައި އިސްލާމް މާއްދާގައިވާ ކަންކަން ބަޔާން ކުރުމުގައި ގިނަ ފަހަރަށް އިސްލާމްދީނަށާއި މާތް ނަބިއްޔާ އަށް ތައުހީނުގެ ބަސްތައް ގެނެސްފައިވާއިރު ރަސޫލާއަކީ ވެސް ހައްދުފަހަނައަޅާފައިވާ ބެއިކަލެއް ކަމަށާއި އިސްރާއާއި މިއުރާޖުގެ ވާހަކައަކީ ހުރާފީ ކަމެއް ކަމުގައި ވެސް އެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާއަށް ތައުހީނު ކުރެވިފައިވާ ވާހަކަތަކެއް ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އާއި އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން ވެސް ގަބޫލުކޮށްފައިވާއިރު، އެ ރިޕޯޓު ގަބޫލުކުރުމަށް އުތެމާއިން ހުށަހެޅުމަކީ ކުށެއް ކަމަށާއި އަދި އެކަން ކަމާބެހޭ ފަރާތްތަކުން ތަހުގީގު ވެސް ކުރަން ޖެހޭ ކަމަށް ޝައިހް ޝަފީއު ވިދާޅުވިއެވެ.

އޭގެ އިތުރުން އަންހެން ކުދިން ހިތާނު ކުރުމަކީ ރާއްޖޭގެ އިލްމުވެރިން އާލާކުރަން ހިތްވަރުދޭ ކަމެއް ކަމަށް ބުނެފައިވުމަކީ ދޮގު ތުހުމަތެއް ކަމަށް ވެސް ޝައިހް ވިދާޅުވިއެވެ.

ޝައިހް އަހުމަދު ސަމީރު ވެސް ވިދާޅުވީ، އުތެމާއިން އެމްޑީއެންގެ ރިޕޯޓުގައި ބަޔާންކުރާ ކަންތައްތައް ތަންފީޒު ކުރުމަށް ބާރު އަޅައި، ގެންނަން ޖެހޭ ބަދަލުތައް ގެންނަން ބާރު އެޅުމަކީ ކުށެއް ކަމަށާއި އަދި އެކަމުގައި ގާނޫނީ މަޅިއަކަށް އެޖަމިއްޔާ ބެދެން ޖެހޭނެ ކަމެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟