Close
ޚަބަރު

ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އޭސީސީގެ ރައުޔު ހޯދާކަށް ނުޖެހޭ: ޔައުގޫބް

އެމްއޭސީއެލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމާރާތް ކޮށްފައިވާ އާ ސީ ޕްލޭން ޓާމިނަލް ދޫކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ގޮތެއް ނިންމާފައި ކަމަށާއި، އެކަމުގައި އިތުރު ބައެއްގެ ރައުޔެއް ހޯދަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބް މިފަދައިން ވިދާޅުވީ، އާ ސީ ޕްލޭން ޓާމިނަލް ދޫކުރުމާ މެދު މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ލަފަޔަކަށް އެދިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވުމާ ގުޅިގެން ރޭ ކުރެއްވި ޓްވީޓެއްގައެވެ.

"ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި މަޖިލީހުން/މާލިއްޔަތު ކޮމިޓީން ވަނީ ގޮތެއް ނިންމާފައި. ދެން މިކަމުގައި އިތުރު ރައުޔެއް ހޯދަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރެވޭ" މާލިއްޔަތު ކޮމިޓީގެ މުގައްރިރު ޔައުގޫބް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ)ން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑައިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ، އޭސީސީގެ ލަފަޔަކަށް އެދުނީ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރަން ފިނޭންސް މިނިސްޓްރީން ދިން އިރުޝާދާ އެއްގޮތަށް ގެންދިއުމާ މެދު ކަަމަށެވެ.

"މިހާރު އަޅުގަނޑުމެން އޭސީސީގެ ރެސްޕޮންސަކަށް މަޑުކޮށްގެން މި ވަގުތު މި ތިބީ. އެ ބޭފުޅުން އާނއެކޭ ހަމަ ވިދާޅުވާ އިރަށް ކޮންޓްރެކްޓްތައް އަޅުގަނޑުމެން ހަވާލު ކުރާނަން،" ސޯލިހު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ ހުށަހެޅުމަކީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޫކުރުމެވެ. އެ ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީ ޕްލޭން ޓާމިނަލް އެމްއޭސީއެލް އިން އަމިއްލަައަށް ހިންގަން ވާން ޖެހޭ ތައްޔާރީތައް ނިމި ޓާމިނަލްއާ ހަވާލުވާން ވެސް އެ ނިންމުމުގައިވެ އެވެ.

ފިނޭޭންސުން އެގޮތަށް އެންގީ 19،000 އަކަމީޓަރުގެ ޖާގައެއް، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން 15 އަހަރު ދުވަހަށް ދޭން އެމްއޭސީއެލް އިން ޔަގީންކަން ދީފައިވާ ކަމަށް ބުނެ ޓީއެމްއޭއިން ޝަކުވާ ކުރަމުން ދަނިކޮށެވެ. ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ނިންމާފައިވަނީ ފިނޭންސް މިނިސްޓްރީން ނިންމި ގޮތަށް ބަދަލެއް ނުގެނައުމަށެވެ.

އެމްއޭސީއެލް އާއި ޓީއެމްއޭގެ އެ މަޝްވަރާގެ ކަންތައް ފެންމަތި ވީ އެސްއޯއީ ކޮމިޓީން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓަކަށް ފަހު އެވެ. އޭރު ނެރުނު އޮޑިޓް ރިޕޯޓްގައިވާ ގޮތުން ޓީއެމްއޭ އިން އެދޭ ގޮތަށް ޓާމިނަލް ކުއްޔަށް ދީފި ނަމަ ދައުލަތަށް އަހަރަކު 41 މިލިޔަން ޑޮލަރު ގެއްލޭނެ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލަކީ ވެލާނާ އިންޓަނޭޝަނަ؛ލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.