އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފިއެވެ.
އެމްއެމްޕީއަރްސީ ހިޔާނާތުގެ މައްސަލައާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި އޭސީސީން ބުނީ އެފްއައިޔޫއަށް ލިބިފައިވާ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރް)ގައި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަން އެސްޓީއާރް އެނަލިސިސް ރިޕޯޓުން އެނގެން އޮންނަ އިރު، އެ ރިޕޯޓުގެ ނިންމުމުގައި އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ތަހުގީގީ އިދާރާއަށް ފޮނުވާފައި ނުވަނީ ވަކި ފަރާތެއްގެ ނުފޫޒުން ކަމަށް މިހާތަނަށް ތަހުގީގަށް ލިބިފައިވާ ހެކިތަކުން ފާހަގަކުރެވޭ ކަމަށެވެ.
އޭސީސީން ބުނީ އެސްޓީއާރް އެނަލިސިސް ރިޕޯޓުގައި އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުހުމަތުކުރެވޭ ޕްރައިވެޓް ކުންފުންޏެއްގެ ބޭންކް އެކައުންޓްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާތީއާއި، އެ ފައިސާ އެ އެކައުންޓްތަކުން ކުރު މުއްދަތެއްގެ ތެރޭގައި ވިތުޑްރޯ ކޮށްފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ ޕްރައިވެޓް ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ އިރު، އެ ޕްރައިވެޓް ކުންފުންޏަކީ އެފަދަ ޓްރާންސެކްޝަންތައް ހިންގޭ ވަރުގެ ގާބިލްކަމެއް ނެތް ކުންފުންޏެއްކަން އެ ކުންފުނީގެ ވިޔަފާރީގެ ފައިދާއާއި އެކައުންޓް ބެލެންސް އިން އެނގޭ ކަމަށާއި އަދި އެ ކުންފުނިން ހިންގާފައިވާ ޓްރާންސެކްޝަންތަކަކީ ކުންފުންޏާ ނުބައްދަލު ޓްރާންސެކްޝަންތަކެއްކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އޭސީސީން ބުނީ އެ ޕްރައިވެޓް ކުންޏފުންޏާ ގުޅޭގޮތުން އެފްއައިޔޫއަށް ލިބިފައިވާ އެސްޓީއާރްގައި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަން އެސްޓީއާރް އެނަލިސިސް ރިޕޯޓުން އެނގެން އޮންނަ އިރު، އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ތަހުގީގީ އިދާރާއަކަށް ފޮނުވާފައި ނުވާ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ ކަމަށާއި އެ މައްސަލައިގެ ތަހުގީގީ މަރުހަލާ ނިމި، މިހާރު ކުރިއަށްދަނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ކަމަށެވެ.
އެމްއެމްއޭގެ މައްސަލަތަކުގެ އިތުރުން އޭސީސީން ދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައްސަލައެއް ވެސް ތަހުގީގުކުރަމުންނެވެ.
އެ މައްސަލައަކީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ދޫކޮށްފައިވާ "ބޭންކާސް ޗެކް" ނުވަތަ "ބޭންކް އޯޑަރު" ޗެކްތަކުގައި ޕޭއީއެއްގެ ގޮތުގައި އެމްއެމްޕީއާރްސީ ލިޔެފައިވީ ނަމަވެސް، އެ ޗެކްތައް އެންޑޯޒްކުރުމަށް އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ސޮއިކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ޕްރައިވެޓް ކުންފުންޏެއްގެ އެކައުންޓަށް 22،145،000 (ބާވީސް މިލިއަން އެއްސަތޭކަ ސާޅީސް ފަސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީ އެކަމުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.