Close
ނިއު ނޯމަލް

ނިއު ނޯމަލްގައި ބޯޑަރު ހުޅުވާލާއިރު ދުވާލަކު 10 ފުލައިޓު އަންނާނެ: އެމްއޭސީއެލް

ކޮވިޑް 19ގެ ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން ދުވާލަކު އިންޓަނޭޝަނަލް 10 ފްލައިޓު އަންނާނެ ކަމަށް ލަފާ ކުރެވޭކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ނިއު ނޯމަލްއަށް ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް މިއަދު އެމްއޭސީއެލްގެ ޓާމިނަލް މެނޭޖަރު އިބްރާހިމް ހުސައިން ވިދާޅުވީ މިހާރުވެސް 10 އެއާލައިނުން ސްލޮޓު ރިޒާވު ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އުފުލާ އެއާލައިންތައް ހިމެނޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޖުލައި އެކަކުން ފެށިގެން ގަތަރާ ސްރީލަންކަން އެއާލައިންސް ރެކުއެސްޓް ކޮށްފަ ވަނީ. ގަތަރުން ދުވާލަކު އެއް ފްލައިޓް، ސްރިލަންކަންއިން ދުވާލަކު ތިން ފްލައިޓް، އެއީ ޖުލައި އެކަކުން ފެށިގެން، ދެން ގާތްގަނޑަކަށް ޖުލައި 15 އިން ފެށިގެން އެމިރޭޓްސް ދުވާލަކު ފްލައިޓެއް، އިއްތިހާދު ހަފްތާއަކު ދެ ފްލައިޓު، ހޮންކޮންގް ހަފްތާއަކު ދެ ފްލައިޓް އިންޑިގޯ ދުވާލަކު ދެ ފްލައިޓް، އެސްކިއު ދުވާލަކު އެއް ފްލައިޓް ސިލްކު ދުވާލަކު ދެ ފްލައިޓް ޓާކިޝް ހަފްތާއަކު ފަސްދުވަހު ދުވާލަކު ދެ ފްލައިޓް މިހާތަނަށް ވަނީ ރިކުއެސްޓް ކޮށްފަ،" އިބްރާހިމް ހުސައިން ވިދާޅުވިއެވެ.

އެމްއޭސީއެލްގެ އެކްޓިން މެނެޖިންގ ޑިރެކްޓާ މޫސާ ސޯލިހު ކޮމިޓީގައި ވިދާޅުވީ ކުރިން ރާއްޖެއަށް ދަތުރުކުރި އެއާލައިންތަކުން އެ މީހުންގެ ސްލޮޓު ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ.