ހުސްވި މެއި މަހު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ލިބުނު އާމްދަނީ 98 ޕަސެންޓް ދަށް ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ނިއު ނޯމަލްއަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލް އިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީ (އެސްއޯއީ) އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހު އެކުންފުންޏަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު ވަރަށް ރަނގަޅު، ނަމަވެސް ފެބްރުއަރީ މަހުން ފެށިގެން އާމްދަނީ ދަށްވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެއާޕޯޓު ޑިވެލޮޕްމެންޓާ ގުޅުން ނެތް ހުރިހާ ކެޕިޓަލް ހަރަދުތައްވެސް ހުއްޓާލާފައިވާ ކަމަށެވެ. ހަރަދުތަކުގެ ތެރެއިންވެސް މުވައްޒަފުންގެ މުސާރަ ނޫން އެހެން ހަރަދުތައް ކުޑަކޮށްފައިވާ ކަމަށާއި، ކަރަންޓާއި ފެނުގެ ހަރަދުވެސް 15 ޕަސެންޓް ކުޑަކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއޭސިލް އިން މިއަދުގެ ބައްދަލުވުމުގައި ބުނި ގޮތުގައި، އަންނަ މަހު އެކެއްގައި ބޯޑަރުތައް ހުޅުވައިލުމުން ދުވާލަކު 10 ވަރަކަށް ފްލައިޓް އަންނާނެ ކަމަށް ވެސް ވަނީ އަންދާޒާ ކުރެވިފަ އެވެ. އޭގެ ތެރޭގައި ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރީން އަންނަ ފްލައިޓުތައް ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.