ޓެކްނޮލޮޖީ

ޕީއެސް ފަހެއްގެ އަގު އޮޅިގެން ހާމަކުރެވިއްޖެ

މުހައްމަދު އައުޒަމް

1

ޕީއެސް ފަހެއްގެ އަގު އޮޅިގެން ހާމަކުރެވިއްޖެއެވެ.

އެމޭޒަންގެ ފްރާންސުން ވަނީ ޕީއެސް 5ގެ އަގު ހާމަކޮށް ވެބްސައިޓުގައި ލިސްޓުކުރުމަށްފަހު ޑިލީޓް ކޮށްފައެވެ. އެ ވެބްސައިޓުގައި ހާމަކޮށްފައިވާގޮތުން ޕީއެސް5 ގެ އަގަކީ 565 އެމެރިކާ ޑޮލަރެވެ. އަދި ޕީއެސް5 ގެ ޑިޖިޓަލް އެޑިޝަންގެ އަގަކީ 450 އެމެރިކާ ޑޮލަރެވެ.

އެމޭޒަން އިން ލިސްޓުކުރުމަށް ފަހު ޑިލީޓް ކުރުމުން މިއީ ޕީއެސް5 ގެ އަސްލު އަގު ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

އެމޭޒަންގެ ފްރާންސްގެ ވެބްސައިޓުގައި ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޕީއެސް ފަހެއް ވިއްކަން ފަށާނެއެވެ.

ޕީއެސް5 ގެ އަގު ލީކުވުމާއެކު ގިނަބަޔަކު ވަނީ އަގުބޮޑު ކަމަށް ބުނެ މީސް މީޑިއާގައި ފާޑުކިޔަންވެސް ފަށައިފައެވެ. ޕީއެސް5 ވިއްކާނެ ކަމަށް ކުރިން ލަފާކޮށްފައިވަނީ 499 އެމެރިކާ ޑޮލަރަށެވެ.

އެމޭޒަން ފްރާންސުން އަގު ލިސްޓުކޮށްފައި ނުވާނެ ކަމަށް ބުނެ އެމޭޒަން އިން ވަނީ މިއީ ފޭކު އެއްޗެއްކަމަށް ބުނެފައެވެ. އަދި ވިއްކަން ފަށާނެކަމަށް ބުނެފައިވާ ތާރީހަކީވެސް އަދި ނިންމާފައިނުވާ ތާރީހެއްކަމަށް އެމޭޒަން އިން ވަނީ ބުނެފައެވެ.

ޕީއެސް5 އާ އެންމެ ވާދަވެރި ގޭމް ކޮންސޯލް އެކްސްބޮކްސް ވިއްކާ އަގުވެސް ވަނީ ލީކުވެފައެވެ. އެގޮތުން ލީކުކޮށްފައިވާ މައުލޫމާތުގައިވާގޮތުން އެކްސްބޮކްސް އެކްސްގެ އަގު އުޅެނީ 399 އެމެރިކާ ޑޮލަރަށެވެ.