ކޮވިޑުގެ ނުރައްކަލާ ދުނިޔޭގެ ގިނަ ގައުމުތަކުން ހަނގުރާމަކުރަމުން އަންނައިރު، އެ ހަނގުރާމައިގެ ދިފާއީ އައްޑަނައެއްގެ ގޮތުގައި ގިނަ ގައުމުތަކަށް ބޭނުންޖެހިފައިވަނީ ވެންޓިލޭޓަރަށެވެ. އެއީ ބަލީގެ އެންމެ ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށެވެ. ކޮވިޑުގެ ތޫފާން އަޅުގަނޑުމެންގެ ރާއްޖެއާ ހަމައަށް ވާސިލްވެ، އެ ތޫފާނުން ފުރަމާލޭގެ އިތުރުން ބައެއް ރަށްރަށް ބަނަކޮށްލިއިރު ރާއްޖޭގައި ހުރީ 100 ވަރަކަށް ވެންޓިލޭޓަރެވެ. އެހެންކަމުން ވެންޓިލޭޓަރުގެ އަދަދު އިތުރުކުރުމުގެ މަސައްކަތެއް ސަރުކާރުން ފެށިއެވެ. ނަމަވެސް ދަތުރުފަތުރުކުރުމާއި ވެންޓިލޭޓަރު ލިބުމުގައި ހުރި ދަތިތަކާއެކު ވެންޓިލޭޓަރުތައް ރާއްޖެ ގަނައުން ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ. މިހާތަނަށް އައިއިރުވެސް ގިނަ ވެންޓިލޭޓަރު ރާއްޖެ ގެނެވިފައެއް ނުވެއެވެ. ވެންޓިލޭޓަރުގެ ޑިމާންޑް ބޮޑުވިއިރު، ރާއްޖޭގެ ބައެއް ހުނަރުވެރިން ވަނީ ވެންޓިލޭޓަރަކީ ދިވެހިންނަށްވެސް އުފެއްދިދާނެ އެއްޗެއްކަން ސާބިތުކޮށްދީފައެވެ. އެގޮތުން. ށ. ގޮއިދޫ އަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އަހުމަދު އަޝްހަމްއަކީ ހަފްތާއެއްގެ ތެރޭގައި ވެންޓިލޭޓަރެއް އުފައްދައި ރާއްޖޭގެ ތާރީހުން ޖާގަ ހޯދި ޒުވާނެކެވެ.
އުމުރުން 19 އަހަރުގައި ވެންޓިލޭޓަރެއް އުފައްދައި ކާމިޔާބުކަމާއެކު ޓެސްޓުކުރުމުން ގިނަ ބައެއްގެ ތައުރީފު ވަނީ އަޝްހަމަށް ލިބިފައެވެ. އެގޮތުން އެރަށުގެ ކައުންސިލުންވެސް ވަނީ އަޝްހަމް އަގުވަޒަންކޮށް ހިތްވަރު ދީފައެވެ. ޕްރޮފެސަރު ހަސަން އުގައިލްވެސް ވަނީ އަޝްހަމަށް ހިތްވަރުދެއްވައިފައެވެ.
ރަށުގެ ކައުންސިލުން އަޝްހަމްއާ ބައްދަލުކޮށް ދެކެވުނު ވާހަކައިގައި ވަރަށް ގިނަ ކަންކަމާމެދު މަޝްވަރާކުރެވުނު ކަމަށް އަޝްހަމް ބުންޏެވެ. އެގޮތުން އޭނާގެ އެ ހުނަރުގެ ބޭނުންކޮށްގެން ރަށަށް ބޭނުންވާ ތަފާތު ތަކެތި އުފެއްދުމުގެ ހިޔާލުވެސް ދިން ކަމަށާއި އޭގެތެރޭގައި އެރަށުގެ ފުޓު ބޯޅަ ދަނޑުގައި ވިނަ ކޮށާނެ މެޝިނެއް ނުވަތަ "ލޯން މޯވާ" އެއް ތައްޔާރުކުރުމުގެ ހިޔާލުވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
ކައުންސިލްގެ ހިޔާލާއެކު ވިނަ ކޮށާ މެޝިނެއް އުފެއްދުމުގެ މަސައްކަތް އަޝްހަމް ފެށިއެވެ. ވެންޓިލޭޓަރު އުފެއްދުމަށްވެސް ކުނިގޮނޑުން ތަކެތި ހޯދި ފަދައިން ވިނަ ކޮށާ މެޝިނަށް ބޭނުންވާނެ ތަކެތިވެސް އަޝްހަމް ހޯދީ އެރަށުގެ ކުނިގޮނޑު އަތް ފުނާ އަޅައިގެންނެވެ.
"ވިނަ ކޮށާ މެޝިން ތައްޔާރުކޮށްފައި މިވަނީ ގޮނޑަށް އުކާލާފައި އޮތް ބްލެންޑަރެއް ނަގައި އޭގެ މޯޓަރުބައި މަރާމާތުކޮށްގެން. ދެން ވިނަ ކޮށާ ތިލަ ހަދާފައިވަނީ 2 ވަޅި ދެކޮޅަށް ބައިންދައި ވެލްޑިންކޮށްގެން" އަޝްހަމް ބުންޏެވެ.
ވިނަ ކޮށާ މެޝިންގެ މަސައްކަތް ފެށިތާ ތިން ދުވަސްތެރޭގައި އަޝްހަމް ވިނަ ކޮށާ މެޝިނެއް އުފައްދައި އޭގެ ޓެސްޓް ޓްރަޔަލްތައް ކުރިއަށް ގެންދިޔައެވެ. އެގޮތުން ވިނަ ކޮށާ މެޝިން ބޭނުންކޮށްގެން ރަށުގެ ދަނޑުގެ ވިނަތައް ކޮށާފައިވީނަމަވެސް ފަސް ވަރަކަށް މިނެޓް ކޮށާލުމުން މެޝިންގެ ހޫނުގަދަވާގޮތް ދިމާވާ ކަމަށް އަޝްހަމް ބުނެއެވެ. އެއާއެކު އަޝްހަމް ނިންމީ އެ މައްސަލައަށް ހައްލު ގެނެސް އިތުރު އަޕްގްރޭޑްތައް މެޝިނަށް ގެނައުމަށެވެ. އެގޮތުން އެ މަސައްކަތަށް ބޭނުންވާ ތަކެތި އެއްކޮށް، އެއް ދުވަސްތެރޭގައި އެ މެޝިނަށް ގެންނަން ޖެހޭ ބަދަލުތައް އޭނާ ގެނައެވެ. ބަދަލުތަކާއެކު މިހާރު ކުރިއަށް ވުރެ ގިނައިރު މެޝިނުގެ ބޭނުން ކުރެވިފައި، މެޝިންގެ އަޑު މަޑުކަމަށްވެސް އަޝްހަމް ބުންޏެވެ.
"މެޝިން އަޕްގްރޭޑްކުރަން ޖެހުނީ އޯވާ ހީޓްވާތީ. ދެން އެ މައްސަލަޔަށް ހައްލެއް ހޯދުމަށް މޯޓަރު ޗޭންޖުކޮށްފަ މިހާރު އިންނާނީ ފެން ޕަންޕެއްގެ މޯޓަރަކަށް އަޅުވާފަ. އެ މޯޓަރަކީވެސް ކުނިގޮނޑުން ހޮވި އެއްޗެއް. ބައެއް ބަދަލުތައް ގެނެސްފަ ވާނެ. ކުރިން ހިފަހައްޓަނީ ފަސް ވަރަކަށް މިނެޓު. މިހާރު 15 މިނެޓަށް ވުރެ ގިނައިރު އެއްވެސް ބްރޭކެއް ނުނަގައި ބޭނުންކުރެވޭނެ. އޯވާ ހީޓެއްވެސް ނުވޭ. ބޯ ވިނަތައްވެސް ކޮށާލެވޭނެ މިހާރު" ވިނަ ކޮށާ މެޝިނަށް ގެނައި އަޕްގްރޭޑްތަކާ ބެހޭ ގޮތުން "ވަން" އަށް މައުލޫމާތު ދެމުން އަޝްހަމް ބުންޏެވެ.
ވިނަ ކޮށާ މެޝިނަށް ގެނެވުނު ބަދަލުތަކާއެކު އަޝްހަމް ވަނީ އެ މެޝިން އެރަށުގެ ކައުންސިލަށް ހަދިޔާކޮށްފައެވެ. ޕައިލެޓަކަށް ވުމުގެ ހުފަވެން ދެކެމުން އަންނަ އަޝްހަމްގެ އުންމީދަކީ މުސްތަގުބަލުގައިވެސް ރަށަށް ފައިދާވާނެ ގިނަ ކަންކަން ކޮށްދިނުމެވެ.