ޚަބަރު

ރާއްޖެއިން ހޮންގކޮންގއަށް އެތެރެކުރަން އުޅުނު އެއްމިލިޔަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި

މުހައްމަދު އައުޒަމް

2

ރާއްޖެއިން ހޮންގކޮންގއަށް އެތެރެކުރަން އުޅުނު އެއްމިލިޔަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ޗައިނާގެ ހޮންގކޮންގ އެއާޕޯޓުން ވަނީ ރާއްޖެއިން ހޮންގކޮންގަށް ދަތުރުކުރި ތިން މީހަކު ހައްޔަރުކޮށް ހަތް ކިލޯގެ ކޮކޭން އެމީހުންގެ ލަގެޖުން ހޯދައިފައެވެ.

ހޮންގކޮންގ އެއާޕޯޓު ކަސްޓަމްސް އިން ވަނީ އުމުރުން 21 އަދި 23 އަހަރުގެ ދެފިރިހެނުންގެ އިތުރުން 21 އަހަރުގެ އަންހެނަކު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ.

ހޮންގކޮންގ އެއާޕޯޓުގެ ސީނިއާ އިންސްޕެކްޓަރ ޗަން މެއި ޝީ އެގައުމުގެ މީޑިއާއަށް މައުލޫމާތުދެމުން ބުނީ އެތެރެކުރަން އުޅުނު ޑްރަގް ހުރީ 16 ޕެކޭޖެއްގައި ބަންދުކޮށްފައި ކަމަށާއި އެތަކެތި ފެނިފައި ވަނީ ތިންމީހުންގެ ތެރެއިން އެކެއްގެ ލަގެޖުން ކަމަށެވެ.

ޗަން މެއި އިތުރަށް ބުނެފައިވަނީ މި ކަމަކީ ބަޔަކު މި ތިން މީހުންނަށް ލާރިދީގެން ކުރުވި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ބުނީ މި ތިންމީހުންގެ ރައްޓެއްސެއްގެ ފަރާތުން ރާއްޖެއަށް ހިލޭ ދަތުރެއް ދީފައިވާ ކަމަށެވެ. އަދި މުޅި ދަތުރުގެ ހަރަދުވެސް އެމީހުން ހަދިޔާއެއްގެ ގޮތުން ދީފައިވާ ކަމަށް ވަނީ ބުނެފައެވެ. ދަތުރުގެ އިތުރުން ގިނަ އަދަދެއްގެ ފައިސާވެސް ދީފައިވާ ކަމަށް ޗަން މެއި ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހޮންގކޮންގަށް ޑްރަގް އެތެރެކުރަން އުޅުނު ތިންމީހުންގެ މައްސަލަ މިހާރު ވަނީ އެގައުމުގެ ވެސްޓް ކޯވްލޯން ގެ ކޯޓުގައެވެ.

މި މައްސަލައާ ގުޅިގެން ވަން އޮންލައިނުން ރާއްޖޭގެ ފުލުހުންނަށް ގުޅުމުން ބުނީ މިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.