ޚަބަރު

މާލޭގެ މާރުކޭޓުތައް ޑިސްއިންފެކްޓު ކުރުމަށް ގޮޅިތައް ހުސްކުރަން ދިން މުއްދަތު ސިޓީ ކައުންސިލުން އިތުރުކޮށްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19އާ ގުޅިގެން ބަންދުކޮށްފައިވާ ލޯކަލް މާރުކޭޓު، މަސް މާރުކޭޓު އަދި އިމްޕޯޓު މުދާ ވިއްކާ (ގަޑިކަމަރު) ގޮޅިތަކުގައި ހުރި ތަކެތި ހުސްކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މެއި އެކެއްގައި ކުރި އިއުލާނެއްގައި މެއި ހައެއްގެ ނިޔަލަށް މާރުކޭޓުތަކުގެ ގޮޅިތައް ހުސްކުރުމަށް ވަނީ އަންގައިފައެވެ. ނަމަވެސް މި މުއްދަތު ފާއިތުވެ ދިޔައިރުވެސް މާރުކޭޓު ގޮޅިތައް ހުސް ނުކުރާކަން ސިޓީ ކައުންސިލްގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

މި އިއުލާނުގައި ހުސްނުކުރާ ގޮޅިތަކުގައި ހުރި މުދާތައް ގެންގޮސް އަންނަ އަންގާރަ ދުވަހުގެ ކުރިން ގޮޅިތައް ހުސްކުރުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ. އަދި ގުދަނުގެ ގޮތުގައި ހަދާފައިވާ ހުރިހާ ގޮޅިތަކެއް ރޫޅާލުމަށް މާލެ ސިޓީ ކައުންސިލުން އެދިފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މާރުކޭޓު ދޮވެ، ސާފުކުރުމަށްފަހު މާރުކޭޓު ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރަން އެ ކައުންސިލުން ނިންމާފައިވާ ކަމަށް ބުނެފައެވެ. އަދި މިކަން ކުރެވޭނީ ގޮޅިތައް ހުސްކޮށްގެން ކަމަށްވުމުން ގޮޅިތަކުގެ ވެރިންގެ ކިބައިން އެތަންތަން ހުސްކުރުމަށް އެދިފައެވެ.

އެގޮތުން މާރުކޭޓު ގޮޅިތަކުން ތަކެތި ނެރުމަށް ޖޫން 23 ގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 6:00 އަށް މާރުކޭޓު ހުޅުވާފައި ހުންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.