ޚަބަރު

ރާއްޖޭގެ އާބާދީގެ ކޮންމެ 10 މީހަކުން ތިން މީހަކީ ފަގީރެއް

1

ރާއްޖޭގެ އާބާދީގެ ކޮންމެ 10 މީހެއްގެ ތެރެއިން ތިން މީހަކީ ފަގީރު ހާލަތުގައިވާ މީހެއް ކަމަށް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއޯއެސް) އިން އިން ނެރުނު، މަލްޓި ޑައިމެންޝަނަލް ޕަވަޓީ އިންޑެކްސް (އެމްޕީއައި) އިން ދައްކައިފި އެވެ.

ރާއްޖޭގެ ފަގީރުކަން އޮތް މިންވަރު ބެލުމަށާއި ސިއްހަތާއި ތައުލީމާއި މައުލޫމާތު އަދި ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ ކަންކަމުން މީހުން މަހުރޫމްވާ މިންވަރު ބެލުމަށްޓަކައި ހެދި "އެމްޕީއައި ދިރާސާ 2020" އިން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ 10 މީހަކުން ތިން މީހަކު ތިބީ ފަގީރު ކަމުގަ އެވެ.

އާމްދަނީގެ ފަގީރު ކަމުގެ ބަދަލުގައި ބަލާ މަލްޓި ޑައިމެންޝަން ޕަވަޓީ އިންޑެކްސް ނުވަތަ އެމްޕީއައި އަކީ ތަފާތު އެކި ނަޒަރުން ފަގީރުކަން ވަޒަން ކުރުމަށް އެކުލަވައިލެވޭ މިންގަނޑެކެވެ. ރާއްޖޭގެ ގައުމީ އެމްޕީއައިގައި ހިމެނިފައިވަނީ މައިގަނޑު ތިން ދާއިރާ އެވެ. އެއީ ސިއްހަތާއި ތައުލީމާއި މައުލޫމާތު އަދި ދިރިއުޅުމުގެ ފެންވަރެވެ. އެ ދާއިރާތަކުގެ ތެރޭގައިވެސް ޖުމްލަ އަށް ބައެއް ހިމެނެ އެވެ.

އެމްޕީއައި ހިސާބުތައް ދައްކާ ގޮތުގައި ފަގީރުކަން މާލެއަށް ވުރެ ރާއްޖޭގެ އެހެން ހިސާބުތަކުގައި ބޮޑެވެ. އެގޮތުން މާލޭގައި ފަގީރު ކަމުގެ ނިސްބަތް 13 ޕަސެންޓުގައި ހުރިއިރު، އަތޮޅުތަކުގެ ތެރޭގައި އެ ނިސްބަތް ހުރީ 87 ޕަސެންޓުގަ އެވެ. އަތޮޅުތަކުގެ ތެރެއަށް ބަލާއިރު ފަގީރުކަން އެންމެ ބޮޑީ ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކުގަ އެވެ.

މެދު ރާއްޖޭގެތެރޭގެ އަތޮޅުތަކުގައި ފަގީރުކަމުގެ ނިސްބަތް އުޅެނީ 46.7 ޕަސެންޓުގަ އެވެ. ދެކުނު އަތޮޅު ހިމެނޭ ސަރަހައްދުގައި ފަގީރުކަމުގެ ނިސްބަތް ހުރީ 38.5 ޕަސެންޓުގަ އެވެ.

އުތުރުގެ އަތޮޅުތަކުގައި ފަގީރުކަން ހުރީ 44 ޕަސެންޓުގަ އެވެ. އިރު އުތުރު އަތޮޅުތަކުގައި ފަގީރުކަމުގެ ނިސްބަތް ހުރީ 36.5 ޕަސެންޓުގަ އެވެ.

މި ދިރާސާ ދައްކާ ގޮތުގައި ރާއްޖޭގައި އެމްޕީއައިގެ މިންގަނޑުތަކުން ބަލާއިރު ރާއްޖޭގައި 95،000 ފަގީރުން އެބަތިއްބެވެ.

މާލޭގައި ފަގީރުކަމުގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ސިއްހީ އަދި ދިރިއުޅުގެ ފެންވަރު ދައްކުވައިދޭ ދާއިރާ އެވެ. މާލޭގައި ފަގީރު ކަމަށް އެންމެ ބޮޑު ހިއްސާއެއް ކުރަނީ ގެދޮރުގެ ތޮއްޖެހުމެވެ. އާމްދަނީގެ ނިސްބަތުން ބަލާނަމަ މަލްޓިޑައިމެންޝަނަލް ފަގީރުކަން ރާއްޖޭގައި ވަރަށް ބޮޑެވެ. ރާއްޖޭގެ ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ މަލްޓިޑައިމެންޝަނަލް ފަގީރު ކަމުގައި އުޅެން ޖެހޭ ކުއްޖެކެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ ގޭގޭގައި ފަގީރުކަން މަތިކަން ދިރާސާއިން ދައްކަ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި 2009 ވަނަ އަހަރާއި 2017 ވަނަ އަހަރާ އަޅައި ބަލާނަމަ ފަގީރުކަން ވަނީ 28 ޕަސެންޓުން 70 ޕަސެންޓަށް ދަށްވެފަ އެވެ.