ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާން ހާލުގައި ޖެހިފައި ތިބޭ މީހުންނަށް އެހީތެރިވުމަށް ހިންގާ ޗެރިޓީ ފައުންޑޭޝަން އަކީ މަނީ ލޯންޑާ ކުރާ ހަބެއް ކަމަށް ޑައިރެކްޓަރު އަބިނަވް ކަޝިޔަޕް ތުހުމަތު ކޮށްފިއެވެ.
މީގެކުރިންވެސް ސަލްމާން ލީޑްރޯލުން ފެނިގެންދިޔަ "ދަބަންގް" ޑައިރެކްޓް ކުރި އަބިނަވް ވަނީ އޭނާގެ ކެރިއަރު ހާލުކޮށްލުމަށް ސަލްމާން އަދި އޭނާގެ އާއިލާއިން މަސައްކަތް ކުރިކަމަށް ބުނެ ވާހަކަދައްކައިފައެވެ.
އެގޮތުން، އަބިނަވް ފޭސްބުކުގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަލްމާނުގެ ޗެރިޓީ ބީންގް ހިއުމަން އަކީ، ސަލްމާން ބޮލުގައި އެޅިފައި ހުރި ތުހުމަތުތަކުން ރެކެން ވެގެން ސަލްމާންގެ ބައްޕަ ސާލިމް ހާން ރާވައިގެން ކުރާ ކަމެއް ކަމަށެވެ. އަދި ސަލްމާން ފަގީރުންނަށް ހަދިޔާ ކުރަނީ ބޭނުން ނުކުރާ ހަލާކުވެފައި ހުންނަ އެއްޗެހި ކަމަށެވެ.
އަބިނަވް އެހެން ފޭސްބުކްގައި ޕޯސްޓް ކުރިތާ މާ ގިނައިރެއް ނުވަނީސް، ސޮހެއިލް ހާން ވަނީ އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.