ޚަބަރު

ކޮވިޑް 19 ގެ ހާލަތާ ގުޅިގެން ބަލި މީހުން އުފުލުމުގައި އަމަލުކުރަންވީ އުސޫލު އާންމު ކޮށްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19ގެ ހާލަތުގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު މި ދަނޑިވަޅުގައި ކަނޑުމަގުން އަދި ވައިގެ މަގުން ބަލި މީހުން އުފުލާއިރު އަމަލު ކުރަންވީ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އާންމު ކޮށްފިއެވެ.

އެޗްޕީއޭއީން މިދިޔަ ހަފްތާގައި އާންމު ކުރި މި އުސޫލަކީ މިހާލަތުގައި ސިއްހީ އިމަޖެންސީއެއް ދިމާވެއްޖެނަމަ އެއް ރަށުން އަނެއް ރަށަށް ބަލިމީހާ ގެންދިއުމަށް އެކުލަވާލި އުސޫލެއް ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި މި އުސޫލު އެކުލަވާލާފައިވަނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ބަލި ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އެގޮތުން ސީޕްލޭނުގައި ބަލިމީހާ ގެންދާނަމަ ބަލި މީހާގެ އިތުރުން ބަލިމީހާގެ އެހީތެރިޔާ އަދި ސިއްހީ ހިދުމަތްތެރިޔާ ނޫން އެއްވެސް މީހަކަށް ސީޕްލޭނުގައި ދަތުރު ނުކުރެވޭނެކަމަށް މި އުސޫލުގައި ބުނެފައި ވެއެވެ. ސީޕްލޭންގެ ޕައިލެޓާއި ކްރޫންގެ އިތުރުން ބަލިމީހާގެ ސިއްހީ އެހީތެރިޔާވެސް ޕީޕީއީ ބޭނުން ކުރަން ޖެހޭނެ ކަމަށް މި އުސޫލުގައި ބުނެފައިި ވެއެވެ. އަދި ބަލި މީހާ ބާއްވަންވާނީ އުޅަނދުގެ ފަހަތު ސީޓުގައި ކަމަށް މި އުސޫލުގައި ބަޔާން ކޮށްފައި ވެއެވެ.

ސީޕްލޭނާއި ހިލާފަށް ބަލިމީހާ މަތިންދާ ބޯޓުގައި ގެންދާއިރު ބަލިމީހާގެ ސިއްހީ އެހީތެރިޔާއާއި ސިއްހީ ހިދުމަތްތެރިޔާ ނޫން އިތުރު މީހުންނަށް ފްލައިޓުގައި ދަތުރު ކުރެވޭނެ ކަމަށް މި އުސޫލުގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ފްލައިޓުގައި އިތުރު މީހުން ދަތުރު ކުރާނަމަ، ބަލިމީހާ ބައިންދަންވާނީ ފްލައިޓުގެ އެންމެ ފަހަތު ސީޓުގައި ކަމަށް މި އުސޫލުގައި ބަޔާންކޮށްފައި ވެއެވެ. އެހެން ދަތުރުވެރިންގެ ސީޓާއި ބަލިމީހާގެ ސީޓާ ދެމެދު ހަ ފޫޓު ހުންނަށް ވާނެ ކަމަށްވެސް މިއުސޫލުގައި ބުނެފައިވެއެވެ. އަދި އިތުރު ދަތުރުވެރިން ފްލައިޓަށް އަރަންވާނީ ބަލިމީހާ އަދި ބަލިމީހާގެ ސިއްހީ އެހީތެރިޔާއާއި ސިއްހީ ހިދުމަތްތެރިޔާ ފްލައިޓަށް އެރުމުން ކަމަށް މި އުސޫލުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކަނޑު އުޅަނދެއްގައި ބަލިމީހާ ގެންދަންވާނީ އެ އުޅަނދަކީ ވައި ދައުރުވާ ގޮތަށް ހުންނަ އުޅަނދަކަށް ވާނަމަ ކަމަށް މި އުސޫލުގައި ބަޔާންކޮށްފައި ވެއެވެ. ބަލިމީހާ އަދި ބަލިމީހާއާ އެކީ ދަތުރުކުރާ ސިއްހީ އެހީތެރިޔާއާއި ސިއްހީ ހިދުމަތްތެރިޔާ ތިބެންވާނީ އުޅަނދުގެ އެންމެ ފަހަތު ސީޓުގައި ކަމަށް މި އުސޫލުގައި ވެއެވެ. އަދި އުޅަނދުގައި ދަތުރު ކުރާ އެންމެން މާސްކު އަޅަން ޖެހޭނެ ކަމަށާއި، ބަލިމީހާ އިންނަ/އޮންނަ ސީޓު ވަށައިގެން ކޮންމެ ފަރާތަކުން ދެ ސީޓުވާގޮތަށް ހުސްކޮށް ބަހައްޓަން ޖެހޭނެ ކަމަށް މި އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.