ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ މަސައްކަތްތައް ކުރިއަށްދާ ދަރުބާރުގޭގައި މަސައްކަތްކުރާ ސްކައުޓަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ސްކައުޓް އެސޯސިއޭޝަންގެ ކޮމިޝަނަރު އޮފް ޕަބްލިކް ރިލޭޝަންސް ސައިފް އަޒްހަރު "ވަން" އަށް ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ ދަރުބާރުގޭގެ ސެކިއުރިޓީގައި މަސައްކަތްކުރާ އަރަބިއްޔާ ސްކައުޓް ގުރޫޕްގެ ރޯވާ ސްކައުޓެއް ކަމަށެވެ.
އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރުމުން ކަމަށާއި މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާޗް މަހުން ފެށިގެން ދަރުބާރުގޭގެ ސެކިއުރިޓީގައި މަސައްކަތް ކުރަމުން އަންނަ އެ ސްކައުޓާއެކު އުޅުނު އިތުރު ރޯވާ ސްކައުޓަކު ވެސް ކޮވިޑަށް ޓެސްޓު ކުރި ކަމަށާއި ނަމަވެސް އޭނާގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށް ވެސް ސައިފް ވިދާޅުވިއެވެ. މި ކޭސްއާ ގުޅިގެން އޭނާއާ ކޮންޓެކްޓުވި 20 މީހަކު މިހާރު ވަނީ ގޭގައި އެކަހެރިކޮށްފައެވެ.
އެންއީއޯސީގެ ސެކިއުރިޓީގައި ސްކައުޓުންގެ އިތުރުން ކެޑޭޓުންނާއި ގާލް ގައިޑުން ވެސް ހަރަކާތްތެރިވެއެވެ. އަދި ސެކިއުރިޓީގެ އިތުރުން އެންއީއޯސީގެ އެޑްމިންގައާއި ތަންތަން ޑިސްއިންފެކްޓް ކުރުމުގައި ވެސް ރޯވާ ސްކައުޓުންނާއި ލީޑަރުން ހަރަކާތްތެރިވެއެވެ.
ސައިފް ވިދާޅުވީ، މާލޭގައި 50 އާ ގާތްކުރާ އަދަދެއްގެ ސްކައުޓުން އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އަދި ރަށްރަށުގައި އުފެދިފައިވާ ޓާސްކު ފޯސްތަކާއި ސޯޝަލް ސަޕޯޓް ޓީމުތަކުގައި ވެސް ސްކައުޓުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.