ރިޕޯޓް

ދަރިން ރަނގަޅަށް އިންޓަނެޓްގެ ބޭނުންކުރޭތޯ ބަލާނެ ގޮތް މިއޮތީ

އީމާ މުހައްމަދު ވަހީދު

މިދުވަސްވަރަކީ މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 ވައިރަހުގެ ސަބަބުން ގިނަ ގައުމުތައް ލޮކްޑައުން ކޮށްފައިވާ ދުވަސްވަރެކެވެ. އެހެންކަމުން، 24 ގަޑިއިރު، ބޭރަށް ނުދެވި ގޭގައި ތިބެން ޖެހުމުން ދަރިން ވަރަށް ގިނަ ވަގުތު އިންޓަނެޓް ބޭނުން ކުރާނެއެވެ. ސުކޫލުތަކުގެ ކިޔަވައިދިނުމުން ފެށިގެން ގޮސް، މިއުޒިކް ކްލާސްތައް ފަދަ ކަންކަން ވެސް ވަނީ މިހާރު އޮންލައިންކޮށް ކުރިއަށް ގެންދާގޮތަށް ބަދަލު ކޮށްފައެވެ. މީގެއިތުރުން ދުރުގައި ތިބި އާއިލާ މީހުންނަށާއި، ސުކޫލުގައި އެކީ ކިޔަވާ އެކުވެރިންނާއި ވާހަކަ ދެއްކުމަށްވެސް ކުދިން އޮންލައިން ވެގެން ނެޓް ބޭނުން ކުރާނެއެވެ.

ގޭގައި ކަމެއް ނެތިފައި ތިބުމަށްވުރެ އިންޓަނެޓް ބޭނުންކޮށްގެން ގޭމް ކުޅުމާއި، އެކުވެރިންނާއި ވާހަކަ ދެއްކުމާއި ކްލާސްތަކަށް ވަނުންވެސް ކުއްޖާގެ ސިކުނޑިއަށް މާ ފައިދާ ކުރާނެއެވެ. އެހެންނަމަވެސް، ދަރިން ގިނަ ވަގުތު އޮންލައިންގައި ހޭދަކުރުމަކީ ބެލެނިވެރިން އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ. އެހެންކަމުން ދަރިން އިންޓަނެޓްގެ ބޭނުން ހިފަނީ ކިހިނެއްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދަރިން މައިންބަފައިންނަށް އިތުބާރުކޮށް ދިމާވާ ކަންކަން ހިއްސާ ކުރާނީ އެކުދިންނަށް ހަމަޖެހިގެން ލޯބިން ވާހަކަދެއްކުމުންނެވެ. އެގޮތުން ދަރިންނަށް މަޑުމައިތިރިކަމާއި ރީތިކޮށް ވާހަކަ ދައްކައިގެން ވިސްނައިދޭށެވެ. އިންޓަނެޓް ބޭނުން ކުރާއިރު، އެކުދިން ކުރަން ޖެހޭ ކަންކަމާއި ކޮށްގެން ނުވާނެ ކަންކަން ރަނގަޅަށް ވިސްނައިދޭށެވެ. އިންޓަނެޓުން ދިމާވާ މީހަކު ގޯސް ގޮތަކަށް ވާހަކަ ދައްކަން މަސައްކަތް ކޮށްފިނަމަ އެކަން ވީހާވެސް އަވަހަކަށް ބޮޑު މީހަކާ ހިއްސާ ކުރުމަށް ވެސް ބުނާށެވެ.

މިޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ދުވަސްވަރެކެވެ. އެހެންކަމުން ޓެކްނޮލޮޖީގެ އެހީގައި ދަރިން އިންޓަނެޓް ބޭނުން ކުރާއިރު ކުރާ ކަންކަމަށް ފާރަވެރިވާށެވެ. އެގޮތުން ސިސްޓަމުތަކުގައި ހުންނަ ޕޭރަންޓަލް ކޮންޓްރޯލް ގެ އެހީގައި ދަރިން ވަންނަ ސައިޓް ތަކާއި ކުރާ ކަންކަން ބެލެން ހުންނާނެއެވެ. އެކަން ކުރާން ފަށާށެވެ. މީގެ އިތުރުން، ދަރިފުޅު ބޭނުން ކުރާ ސިސްޓަމުގެ ޕްރައިވެސީ ސެޓިންގްސް ހުރީ ރަނގަޅަށް ހެދިފައިކަންވެސް ކަށަވަރުކުރާށެވެ.

ދަރިން އިންޓަނެޓް ބޭނުންކުރާއިރު، އެކުދިންނާ ގުޅޭ ކަންކަމުގައި އެކުދިންގެ ހިޔާލު ފާޅު ކުރުމުގެ ފުރުސަތުވެސް ދޭށެވެ. މީގެ އިތުރުން، އޮންލައިންކޮށް ކުރިއަށް ގެންދާ ކަސްރަތު ޕްރޮގްރާމު ފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވެ އާ ކަންކަން ތަޖްރިބާ ކުރުމުގެ ފުރުސަތު އެކުދިންނަށް ދޭށެވެ.

އެންމެ މުހިންމީ އެކުދީންނާ ގާތް ގުޅުމެއް ބޭއްވުމެވެ. ލޯބިން ވާހަކަދައްކައި އިތުބާރު އުފެއްދުމެވެ. ކޮންމެ ވާހަކައެއްވެސް ދެއްކޭވަރުގެ ގާތްކަން އޮތުމެވެ. އެކަން ވާނީ ވަރަށް ވިސްނުންތެރިކަމާ އެކު މަސައްކަތްކޮށްގެންނެވެ. ހަމަ އެހެންމެ ދަރިވަރު އެިންޓަނެޓު ބޭނުންކުރާން އޮންނަ ވަގުތުތަކަކީ ވެސް ލިމިޓް ކުރެވިފައިވާ ތާވަލެއްގެ ތެރޭގައި ހިނގާ ކަމަކަށް ހެދުމަކީވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެނޫން ވަގުތުތަކުގައި ކުރާނެ ކަންކަންވެސް ލޮކްޑައުންގެ މި މުއްދަތުގެ ތެރޭގައި ހުންނަން ވާނީ ފުރިހަމަޔަށް ތާވަލުކޮށްފައެވެ. އެތާވަލާ އެއްގޮތަށް ކަންކަން ނިންމައި ފާހަގަޖަހަމުން ގެންދިއުމުން އެކުދީން އުފާ ވާނެ އެވެ. އެޗީވްވާ މިންވަރު ފެންނާނެ އެވެ.

މި ގޮތަށް ތައްޔާރުކޮށްލެވޭ ތާވަލުގައި ކިޔެވުމާ ގުޅޭ ކަންކަމުގެ ތެރޭން ގޭގައި ކުރެވޭނެ ކަންކަންވެސް މަދުނޫން މިންވަރަކަށް ހުންނާން ވާނެ އެވެ. އޭގެ ތެރޭގައި ކިޔެވުމާއި ކުރެހުމާއި ލިޔުމާއި ފޮތް ކިޔުން ފަދަ ކަންކަން ހުންނާން ވާނެ އެވެ. މިކަންކަމަށް ބެލެނިވެރީން މާކްސް ދީ ހަދަން ވާނެ އެވެ. ދަރިވަރުން ވައިވެގެން ދިޔަ ނުދިނުމަށް ޓަކައި އެކުދީންނާ އެކު ވަގުތު ހޭދަކުރުން އެއީ މިހާލަތުގައި އެންމެ މުހިންމު ކަންތައްކަންވެސް ހަނދާން ބަހައްޓަން ވާނެ އެވެ.

ދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ ހެޔޮގޮތުގައިކަން ކަށަވަރުކުރުމަށް ކުރީން ބުނި ކަންކަން ކުރުމާ އެކު ފަހުން މި ބުނި ކަންކަން ކޮށްލުމުން، ލޮކްޑައުންގައި ވެސް ދަރިފުޅުގެ ވަގުތު އަގުހުރި ގޮތުގައި ބޭނުންކުރެވި ނަފުސާނީ މައްސަލަތަކާއި އެނޫން ކަންކަމުންވެސް ދަރިފުޅު ފެޔަށް ޖެހި އުފާވެރިކަމާއި ހެޔޮ ގޮތުގައި ލޮކްޑައުންގެ ދުވަސްތައް ވެއަތުކުރުމަށް އެހީތެރި ވެދޭނެ އެވެ.