މެންޗެސްޓާ ޔުނައިޓެޑް

މެންޔޫގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

މުހައްމަދު އައުޒަމް

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން ޖޯސް މޮރީނިއޯ ވަކިކޮށްފި އެވެ.

ފަހަކަށް އައިސް ޔުނައިޓެޑްގެ ކުޅުންތެރިންނާއި މައްސަލަޖެހި ކުޅުންތެރިންގެ ބޮޑެތި ފާޑުކިއުންތަކާއި ކުރިމަތިވެފައިވާ މޮރީނިއޯ ވަކިކުރިކަން އަންގައި އެ ކުލަބުން ވަނީ ބަޔާނެއް ނެރެފައެވެ.

މެންޔޫ އިން ނެރުނު ބަޔާނުގައި ވަނީ މިވަގުތުން ފެށިގެން މޮރީނިއޯ ކްލަބުގެ ކޯޗުކަމުން ވަކިކޮށްފައިވާ ކަމަށާއި މޮރީނިއޯ ކްލަބްގައި ކޮށްފައިވާ ހިދުމަތަށް ޝުކުރު ދަންނަވާ ކަމަށެވެ. އެބަޔާނުގައި މޮރީނޮއޯއަށް ކުރިމަގުގައި ކާމިޔާބަށް އެދޭ ކަމަށްވެސް ބުނެފައި ވެއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ނެރުނު ބަޔާނުގައި ވަނީ މިހިންގަމުންދާ ސީޒަން ނިމެންދެން ހުންނާނެ ކޯޗެއް އައްޔަނު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ބުނެފައެވެ.

އުމުރުން 53 އަހަރުގެ މޮރީނިއޯގެ ކޯޗުކަމުގައި ފާއިތުވެދިޔަ ދެ ސީޒަންގައިވެސް ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ. މިކަމުގެ ސަބަބުން އޭނާއަށް ވަނީ ބޮޑެތި ފިއްތުންތަކާއި ކުރިމަތިލާން ޖެހިފައެވެ. ހާއްސަކޮށް ކުޅުންތެރިންނާއި މައްސަލަޖެހި މޮރީނިއޯ ވަނީ ޓީމުގެ ކޮންޓްރޯލްވެސް ގެއްލިފައެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން ޖޯސް މޮރީނިއޯ ވަކިކޮށްފައިވާއިރު އެމަގާމަށް އަންނާނެ ކަމަށް މިހާރު އެންމެ ބެލެވެނީ ރިއާލްމެޑްރިޑްގެ ކޯޗު ކަމުގައި ހުރި ޒިދާން ކަމަށް ވަނީ އަޑުފެތުރިފައެވެ. ޒިދާންގެ އިތުރުން ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރ ލައުރެންޓް ބްލެންކް އާއި ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ.