ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯގެ ދައްތަގެ ފާޑުކިޔުން ސާރީއަށް

އައިދާ އަބްދުލް ހަކީމް

ޔުވެންޓަސްގެ ކޯޗް މައުރީސިއޯ ސާރީ ކުޅުވަން އުޅެނީ ކޮން ކަހަލަ ފުޓްބޯޅައެއްކަން ދެނެގަންނަން އުނދަގޫ ކަމަށާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެކަނި ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށް ބުނެ ރޮނާލްޑޯގެ ދައްތަ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

އިޓާލިއަން ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ޔުވެންޓަސްގެ ކޯޗު ސާރީގެ ނިންމުންތަކާ ރޮނާލްޑޯގެ އެއްބަނޑު އެއްބަފާ ދައްތަ، އުމުރުން 47 އަހަރުގެ އެލްމާ ޑޮސްސަންޓޯސް އަވީރޯ ހިތްހަމަނުޖެހުން ފާޅުކޮށްފައި މިވަނީ ބުދަ ދުވަހުގެ ރޭ ކުޅުނު އިޓާލިއަން ކަޕް ފައިނަލުގައި ނަޕޯލީއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ޔުވެންޓަސް ބަލިވި މެޗާ ގުޅިގެންނެވެ.

އިޓާލިއަން ކަޕް ފައިނަލުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު ކުޅުމަށް ގިނަ ބަޔަކު ފާޑު ކިޔާފައިވާ އިރު، ރޮނާލްޑޯގެ ދިފާއުގައި އޭނާގެ ދައްތަ އިންސްޓަގްރާމުގައި ބުނެފައިވަނީ ރޮނާލްޑޯ އެކަނި ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށާއި ޔުވެންޓަސްއަށް ކުޅެމުން އަންނަ ކުޅުންތެރިން އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

އިޓާލިއަން ކަޕްގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ދިޔައީ ޕެނަލްޓީ ޝޫޓްއައުޓްއަށެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ރޮނާލްޑޯ ޕެނަލްޓީ ޖަހައިފައެއް ނުވެއެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އެޓީމުގެ ފުރަތަމަ ޕެނަލްޓީ ޖެހީ ޕައޮލޯ ޑިބާލާއެވެ. ނަޕޯލީގެ ކީޕަރު މެރެޓް އެ ޕެނަލްޓީ މަތަކުރި އިރު، ޑެނީލޯ ފޮނުވާލީ އެޓީމުގެ ދެވަނަ ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ. ޔުވެންޓަސްއަށް ކާމިޔާބުކުރެވުނީ ލިއޮނާޑޯ ބޮނޫޗީ އާއި އާރޮން ރަމްސީ ޖެހި ޕެނަލްޓީތަކެވެ. ނަމަވެސް ނަޕޯލީން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްގެން އެޓީމުން ވަނީ އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ހަވަނަ ފަހަރަށް ހޯދައިފައެވެ.

މިއީ ރޮނާލްޑޯގެ މުޅި ފުޓްބޯޅަ ކެރިއަރުގައި ވެސް މިހާތަނަށް ޖެހިޖެހިގެން ދެ ފައިނަލަކުން ބަލިވި ފުރަތަމަ ފަހަރެވެ. އިޓާލިއަން ކަޕްގެ ފައިނަލުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅު އޮތް ސުޕަކޮޕަ އިޓާލިއާނާ ފައިނަލް މެޗުގައި ޔުވެންޓަސް ވަނީ ލާޒިއޯ އަތުންވެސް ބަލިވެފައެވެ. މިއާއެކު ގިނަބައެއްގެ ފާޑުކިއުން ރޮނަލްޑޯ އާއި ކޯޗް ސާރީއަށް ވަނީ އަމާޒުވެފައެވެ.