Close
ސްރީލަންކަން އެއާލައިން

ގަމާއި ކޮލޮމްބޯއާ ދެމެދު ސްރީލަންކަންގެ ދަތުރުތައް ހުއްޓާލަން ނިންމުމުން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

ގަމާއި، ކޮލޮމްބޯއާ ދެމެދު ސްރީލަންކަން އެއާލައިނުން ކުރާ ދަތުރުތައް ހުއްޓާލަން ލަންކާއިން ނިންމުމުން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލީޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ކޯލިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ ދަތުރު ތަކަކީ، ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި، އައްޑޫ ސިޓީ އާއި ދެކުނުގެ އަތޮޅުތުގައި އުޅޭ ރައްޔިތުންނަށް ރާއްްޖޭން ބޭރަށް ދަތުރު ކުރުމުގައި ލުއިތައް ހޯދައިދިނުމަށް ހަމަޖެއްސި ދަތުރުތަކެއް ކަމަށެވެ.

އެސަރަހައްދުގެ ޓޫރިޒަމް އިތުރަށް ވަރުގަދަކޮށް ތަރައްގީ ކުރުމާއި ވިޔަފާރިތަކަށްވެސް ލުއި ފަސޭހަތައް ހޯދައި ދިނުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"ނަމަވެސް އެ ދަތުރުތައް ހުއްޓާލައިފިނަމަ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބައިނަލް އަގުވާމީ ދަުތުރުތައް ކުރުމުގައި އިތުރު ދަތިތައް ކުރިމަތި ވުމުގެ އިތުރުން، ރާއްޖޭގެ އިގްތިސާދަށާއި ޓޫރިޒަމަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ،" ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، ކޮލަމްބޯ އާއި ގަމާއި ދޭތެރޭ ކުރަމުންދިޔަ ދަތުރުތަކުން އެއާލައިންއަށް ގެއްލުންވާ ކަމަށްބުނެ އެ ދަތުރުތައް ހުއްޓާލުމަށް ރައީސް ޔާމީންގެ ވެރިކަމުގައިވެސް މައްކަތް ކުރި ކަމަށެވެ.

"ނަމަވެސް އެއާލައިނަށް ގެއްލުން ނުވެ ދަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީންގެ ވެރިކަމުގައި ސްރީލަންކަން އަށް ދިނުމަށްފަހު އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވެ އެ އިންތިޒާމްތައްވެސް އޭރު ހަމަޖައްސާފައިވާކަން ފާހަގަ ކުރަމެވެ. އެއީ ހުވަދޫ އާއި އައްޑޫ ސިޓީ އާއި ދޭތެރޭ ރާއްޖޭގެ ގައުމީ އެއާލައިނުން ޑޮމެސްޓިކް ދަތުރުތައް ފެށުމެވެ. އަދި އެކަން އެގޮތަށް ކޮށްފިނަމަ ދަތުރުތައް ހުއްޓާނުލައި ކުރެވޭނެ ކަމުގެ ޔަގީންކަން ސްރީލަންކާއިން ވަނީ ސަރުކާރަށް ދީފައެވެ." ބަޔާނުގައި ބުުނެފައި ވެއެވެ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގަމާއި ކޮލަމްބޯ އާ ދެމެދު ސީދާ ފްލައިޓުތައް ފަށާފައިވަނީ 2016 ވަނަ އަހަރު އެވެ.

އިދިކޮޅު ކޯލީޝަންގެ އެ ކަންބޮޑުވުމާ ގުޅިގެން، އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު އޭނާގެ ފޭސްބުކްގައި އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އެކުންފުންޏާ ގުޅިގެން ސްރީލަންކަން އިން ގަމަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލީ ކޮވިޑް 19 އާ ގުޅިގެން ކަމަށެވެ.

މިހާރު ރާއްޖޭގެ ބޯޑަރުތައް ހުޅުވާ ދުވަހަކަށް އިންތިޒާރުކުރަމުން ދިޔަ ނަމަވެސް ކޮލަމްބޯ އާއި ގަމާ ދެމެދު ކުރާ ދަތުރުތައް ފެށުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އެންމެބޮޑު ސަބަބަކީ ފާއިތުވި ތިން އަހަރުގެ ތަޖުރިބާއަށް ބަލާއިރު އެކަށީގެންވާ އަދަދަކަށް ފަސިންޖަރުން ނުލިބުން ކަމަށްވެސް ފިރާގު ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް ހުވަދު އަތޮޅާއި ގަމާ ގުޅުވާލެވޭނެ އިންތިޒާމެއް ހަމަޖެހިއްޖެނަމަ ދަތުރުތައް ފެށިދާނެ ކަމަށް ބެލެވޭ ކަމަށް ފިރާގު ވިދާޅުވެފައިވެއެވެ.

ފިރާގު ވިދާޅުވެފައިވަނީ، މި ހާލަތުން އަރައިގަނެވުނުހާ އަވަހަކަށް ގައުމީ އެއާލައިންގެ އިންޓަނޭޝަނަލް އުދުހުންތައް ވެސް އައްޑޫ ސިޓީން ފެށޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.