ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެން ހިންދާ ނިޒާމް ގާއިމްކުރެވޭނެ މުއްދަތާއި، ހަރަދު ކޮމިޓީއާ ހިއްސާކުރަން ހުށަހަޅައިފި

އިބްރާހިމް ޒަކީ

ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ކޮންމެ ރަށަކަށް އެންމެ އެންމެ އެކަށީގެންވާ ފެން ހިންދާ ނިޒާމަކީ ކޮބައިކަން ދެނެގަތުމަށް ހާއްސަ ޕްރޮގްރާމެއް އެކުލަވާލައި ކުރަން ޖެހޭ ދިރާސާތައް ފުރިހަމަކޮށް އެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކޮންމެ ރަށަކަށް އެންމެ އެކަށީގެންވާ ހައްލެއް ދެނެގަނެ، އެކަމަށް ހިނގާނެ ހަރަދާއި މަސައްކަތަށް ހޭދަވާނެ މުއްދަތާއި، މަސައްކަތް ހިނގާނެގޮތުގެ ޕްލޭނެއް ތައްޔާރުކޮށް 8 މަސް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓްޗޭންޖް ކޮމިޓީއާ، ޕްލޭނިން މިނިސްޓްރީން ހިއްސާކުރުމަށް އެ ކޮމިޓީން ހުށަހަޅައިފިއެވެ.

އެކަން ހިއްސާ ކުރުމަށް އެ ކޮމިޓީން ހުށަހަޅާފައިވަނީ، ހުސްވި މެއި މަހުގެ ތެރޭގައި ގަދަ ވަޔާއެކު ރާއްޖެޔަށް ކުރި ވިއްސާރައިގައި ރަށްރަށަށް ލިބުނު ގެއްލުންތައް އެ ކޮމިޓީން ދިރާސާކޮށް އެކަމާ ގުޅިގެން، ސަރުކާރުން އަޅަން ޖެހޭ ފިޔަޅުތަކުގެ ގޮތުގައި އެކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ހިމަނައިގެންނެވެ.

އެކަންކަމާގުޅިގެން ސަރުކާރުން ނުވަކަމެއް ކުރުމަށް ރިޕޯޓުގައި ހުށަހަޅާފައި ވެއެވެ.

އެގޮތުން ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމް ގާއިމް ކުުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިހުރި ރަށްތަކުގެ މަސައްކަތްތައް ނިންމުމަށް ހާއްސަ ސަމާލުކަމެއްދީ، މިއަހަރުގެ ނިޔަލަށް މި މަސައްކަތްތައް ފުރިހަމަކޮށް ނިންމުމަށްފަހު އެ މައުލޫމާތު ކޮމިޓިއާ ހިއްސާކުރަންވެސް ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ.

ގެދޮރު އެޅުމުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ގޮތުން ބިމުން މައްޗަށް އިމާރާތުގެ ތަޅުން މިހާރަށްވުރެ ބޮޑަށް އުފުލުމަށް ބިލްޑިން ކޯޑުގައި ހިމެނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިޔަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ކޮމިޓީއާ ހަވާލު ކުރުމަށްވެސް ހުށަހަޅާފައި ވެއެވެ.

ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ، އެއްގަމު ތޮއްޓާއި ކަނޑު ތޮށި ލުމުގައި މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކުރުމަށްފަހު، އެފަދަ ސްޓްރެކްޗާތައް ފަރުމާ ކުރުމުގައި ދިގު މުއްދަތަކަށް އެކަށީގެންވާ ގޮޮތަށް، އެ މަސައްކަތް ކުރުމަށް އިދާރީ ގޮތުން ހަދަން ޖެހޭ އުސޫލުތައް ހަދައި ކުރިޔަށް އޮތް ތިންމަސްދުވަހުގެ ތެރޭގައި ޕްލޭނިން މިނިސްޓްރީން ކޮމިޓީއާ ހިއްސާ ކުރަންޖެހޭނެ ކަމަށްވެސް ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން ގއ. ކޮލަމާފުށީ ކޯޒްވޭގައި ގާއިމްކޮށްފައިވާ ފުލެޓްތަކުގެ ކައިރި، ގިރަމުން ގޮސް އެ ފަސްގަނޑު ދޫވެއްޖެނަމަ ފްލެޓްތައް ވެއްޓުމުން ބިރު އޮތުމާއެކު، އެފަދަ ކާރިސާއެއް ކުރިމަތިވެއްޖެނަމަ، އެކަމުން ދެން ލިބޭ ގެއްލުން މާ ބޮޑަށްވެސް އިތުރުވެގެންދާނެ ކަމަށް ފެންނާތީ އެ މައްސަލަޔަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން ރާވާ ޕްލޭންގެ މައުލޫމާތު ދެމަސްދުވަހުގެ ތެރޭގައި ހިއްސާ ކުރުމަށްވެސް މި ރިޕޯޓްގައި ވަނީ ހިމަނައިފައެވެ.

މިކަންތައްތާމެދު ގޮތެއް ނިންމައިދިނުމަށް އެދި، ކޮމިޓީން މިހާރު ވަނީ މި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.