ޚަބަރު

ކަންބޮޑުވުންތައް އެހެން މީހުންނާ ހިއްސާކުރަން ޖެހޭ، އެ އަޑު އަހަންވެސް ޖެހޭ: މެޑަމް ފަޒްނާ

އަލީ ޔާމިން

ކޮވިޑުގެ ސަބަބުން ނަފުސާނީ ގޮތުން އެތައް ބަޔަކަށް ގެއްލުންވެފައިވާ ކަމަށާއި އެހެންކަމުން ހާސްވެ ކަންބޮޑުވާ ފަދަ ކަންކަން އެހެން މީހުންނަށް ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ޔުނިސެފު މޯލްޑިވްސްއިން ޔޫޓިއުބްގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި މެޑަމް ފަޒްނާ ވިދާޅުވީ، ކޮވިޑުގެ ސަބަބުން އާއިލާތައް އެކި ތަންތަނުގައި ތާށިވެފައިވާ ކަމަށެވެ. އަދި ގާތް ތިމާގެ މީހުންނާއި ރަށްޓެހިންނަށް ޒިޔާރަތްކުރުމުގެ ފުރުސަތުވެސް ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ.

މެޑަމް ފަޒްނާ ވިދާޅުވީ ކޮވިޑާ ގުޅިގެން ހާސްވެ ކަންބޮޑުވާ އެތަކެއް ކަމެއް ކުރިމަތިވާނެ ކަމަށާއި އެހެންކަމުން އެ ކަންބޮޑުންތަކަށް ލުޔެއް ހޯދުމުގެ ގޮތުން އެހެން މީހުންނާ ހިއްސާކޮށްލުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ކޮވިޑު 19އާ ގުޅިގެން އަޅުގަނޑުމެން ގޭގައި ތިބޭއިރު، އެކި މީހުން މިތެބެނީ އެކި ހާލުގައި. ދެން އެކި މީހުން އެކި މީހުންނާ އެކީގައި. އެއްބައި މީހުން އާއިލާއާ ވަކިން. އެހެންވިޔަސް ވެސް އަޅުގަނޑުމެން އެންމެންވެސް މިތިބެނީ ހާސްވުމާއި ކަންބޮޑުވުމެއްގެ ތެރޭގައި. އެހެންކަމުން މިކަމަށް ކަމެއް ކުރަން ޖެހޭ. އެގޮތުން ވަރަށް މުހިންމު މިވާހަކަތައް އެހެން މީހަކަށް ދައްކާލުން. އެހެން މީހުންވެސް މި ވާހަކަތައް އަޑުއަހަން ޖެހޭ،" މެޑަމް ފަޒްނާ ވިދާޅުވިއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި އެފަރާތްތަކަށް މި ދުވަސްވަރު ބޮޑަށް އަޅާލުމާއި ލޯބި ދޭން ޖެހޭ ކަމަށް ވެސް މެޑަމް ފަޒްނާ ވިދާޅުވިއެވެ.

ކަންބޮޑުވުންތަކުން ދުރުވުމަށް ދީނީ ޕްރޮގްރާމްތައް ބެލުމާއި ނަމާދު ކުރުމާއި ދުއާކުރުމުގެ އިތުރުން ކަސްތަރު ކުރުމަކީވެސް މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ހާސްވެ ކަންބޮޑުވުމުން ދުރުވުމާ ބެހޭ ގޮތުން ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަހުމަދުގެ މެސެޖު