ޚަބަރު

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އޮފީސްތައް ހުޅުވާ މުއްދަތު އިތުރުކޮށްފި

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު އިތުރުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު އިތުރުކުރައްވަން ރައީސް ނިންމެވީ އަންނަ އާދީއްތަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް ކަމަށެވެ.

އެގޮތުން ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސް ހުޅުވޭނެއެވެ.

ހަފުތާއަކު ހަތަރު ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވާގޮތަށް ހަމަޖެއްސި ނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވައިނުލުމަށް ވެސް ވަނީ އަންގައިފައެވެ.

އޭގެ އިތުރުން ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަންވާނެ ކަމަށާއި އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށާއި އަދި ވީހައި މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވެސް ސަރުކާރުގެ އޮފީސްތަކަށް ރައީސް ވަނީ އަންގަވައިފައެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ، ސަރުކާރުގެ އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ އޮފީހެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެ އޮފީހަކުން ހުށަހަޅުއްވުމުން، އެ އެޖެންސީން ކަނޑައަޅުއްވާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅުއްވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭ ވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށް ވެސް އޮފީސްތަކަށް ރައީސް ވަނީ އަންގަވައިފައެވެ.