Close
ޚަބަރު

އިމްޕޯޓް ޑިއުޓީން 16 މިލިއަން ރުފިޔާ މާފުކޮށްދީފި

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެ އެތެރެކުރި ކޮވިޑާ ގުޅުން ހުރި މުދަލުން 16.2 މިލިއަން ރުފިޔާގެ ޑިއުޓީ މާފުކޮށްދީފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުގައި ވަނީ މިދިޔަ ހަތަރު މަސް ދުވަހު ރާއްޖެއަށް އެތެރެކުރި ބާވަތްތަކުގެ ތެރެއިން ކޮވިޑާ ގުޅުން ހުރި މުދަލުން 16.2 މިލިއަން ރުފިޔާގެ ޑިއުޓީ ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ކޮވިޑާ ގުޅިގެން ރާއްޖެއަށް އެތެރެކުރާ ބައެއް މުދަލުން ނަގާ ޑިއުޓީ މާފުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވުމުންނެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް އެތެރެކުރާ ބައެއް ތަކެތިން ނަގާ ޑިއުޓީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރައީސް ވަނީ މާފުކޮށްދެއްވައިފަ އެވެ. އަދި މާޗު މަހު ވެސް ބައެއް ތަކެތިން ނެގި ޑިއުޓީ ރައީސް ވަނީ މާފުކޮށްދެއްވާފަ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުގައި ވާގޮތުން މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރު އިމްޕޯޓް ކުރި މިންވަރު ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ފުރަތަމަ ކުއާޓާގައި 18.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިއަހަރު އެތެރެކޮށްފައިވަނީ 13.6 ބިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާ، ޗައިނާ އަދި ސިންގަޕޫރުންނެވެ.

މިދިޔަ އަހަރާ އަޅައިބަލާއިރު އެކްސްޕޯޓްވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރު 1.3 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، މިއަހަރު އެތެރެކުރީ 991 މިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑާއި ޖަރުމަނު އަދި ފްރާންސަށެވެ.

މިދިޔަ އަހަރާ އަޅައިބަލާއިރު ރާއްޖެއަށް ލިބުނު އާމްދަނީވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް 1.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރު ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ.

ޑިއުޓީ މާފުކުރި ތަކެތީގެ ތެރޭގައި ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ގޮގުލްސްއާ ޕްރޮޓެކްޓިވް ގައުންސް އަދި ކަވާއޯލް ހިމެނެ އެވެ. އަދި ހަޒްމަޓް ސޫޓްސްއާއި ސާޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ތަކެތިވެސް ހިމެނެ އެވެ. މީގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރެވޭ އަންގިއާ މާސްކާއި ފޭސް ޝީލްޑް އަދި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒާ އިންވެސް އިމްޕޯޓު ޑިއުޓީ ވަނީ ކަނޑާލައިފައެވެ.