ޑރ. މުހައްމަދު ޖަމީލް އަހްމަދު

ޕޮލިސް އިމާރާތުގެ ނަން ބަލައިނުގަނެވޭނީ، ޝަހީދުންގެ ލޭގެ އަގު ވަޒަންކުރަން ބޭނުން ނުވާ ބަޔަކަށްވީމަ: ޑރ. ޖަމީލު

އިބްރާހިމް ޒަކީ

ފުލުހުންގެ މައި މަރުކަޒު ކަމުގައިވާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގުގެ ނަން ބަލައި ނުގަނެވޭނީ، ޝަހީދުންގެ ލޭގެ އަގު ވަޒަންކުރަން ބޭނުން ނުވާ ބަޔަކަށް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ މަރުކަޒާއި، ކުލަ އާއި ނަންވެސް ބަދަލުކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕޮލިސް އިމާރާތުގެ ނަން ބަލައިނުގަނެވޭނީ، ޝަހީދުންގެ ލޭގެ އަގު ވަޒަންކުރަން ބޭނުން ނުވާ ބަޔަކަށް ކަމަށެވެ. އަދި އެއީ އެންމެ ބޮޑެތި ޚާއިނުން، ބާޣީން ގެ އަތްދަށުން ގައުމު ސަލާމަތްކުރި އަބުތޯލުން ކަމަށާއި، އެމީހުންގެ ދިފާއުގައި މުޅި ގައުމު ތެދުވާނެ ކަމަށާއި ޝަހީދުންގެ ޒިކުރާ ފަނޑުވިޔަ ނުދޭނެ ކަމަށް ޖަމީލު ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސްގައި މެންބަރުން ދެއްކެވި ވާހަކަތަކާބެހޭގޮތުން މަޖިލިސް ރައީސް ވިދާޅުވީ، ފުލުހުންގެ ކަންކަމަށް 48 ތަފާތެއް ގެނައުމަށް، ބިލުގެ ބަހުސްގައި މެންބަރުން ހުށަހަޅުއްވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި، ފުލުހުންނަށް އެހެން މަރުކަޒެއް ބޭނުން ވުމާއި، އެހެން ނަމެއް ބޭނުންވުމާއި، އެހެން ކުލައެއް ބޭނުންވުން ހިމެނޭކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"ޖުމްލަކޮށް ވެއްޖެއްޔާ އިއްޒަތްތެރި މެންބަރުން ވިދާޅުވަނީ، އެހެން ފުލުސް އޮފީހެއް ބޭނުންވެޔޭ، އެހެންނަމެއް ވެސް ބޭނުންވެޔޭ، އެހެން ކުލައެއްވެސް ބޭނުންވެޔޭ، އަދި އެތަން ހުންނަންވީ މައިމަރުކަޒު ވެސް ހުންނަންވީ އެހެންތަނެއްގައޭ، މިދިޔަ ހުރިހާ ދުވަަހު އެދިޔަތަން ނިމުނީއޭ، މުޅިން އާ ބާބެއް ފެށުނިއްޔޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެއީ ރައްޔިތުން ލޯބިވާ، ރައްޔިތުންނާ އެކު އުޅޭ، އަދި ރައްޔިތުންގެ ކަންކަން ގާނޫނުގައި ވާ ގޮތުގެމަތިން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި ރައްޔިތުންނަށް ހިދުމަތްދޭނެ މުއައްސަސާއެއް ކަމަށެވެ.

"މިއީ ރައްޔިތުން ލޯބިވާ، ރައްޔިތުންނާ އެކު އުޅޭ، އަދި ރައްޔިތުންގެ ކަންކަން ގާނޫނުގައި ވާ ގޮތުގެމަތިން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އުފާވެރިކަމާއެކީގައި ރައްޔިތުންނަށް ހިދުމަތްދޭނޭ ފުލުހުންގެ މުއައްސަސާއެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ މައި މަރުކަޒަށް ޝަޙީދު ހުސެއިން އާދަމް ބިލްޑިންގުގެ ނަމުން ނަންދީފައިވަނީ އެތައް ދިވެހިންނެއް ޝަހީދު ކޮށްލި ނޮވެމްބަރު، 3 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ދެކޮޅަށް ޖިހާދު ކުރައްވަމުން ގެންދަވަނިކޮށް ޝަހީދުވެ ވަޑައިގެންނެވި ހުސެއިން އާދަމްގެ ނަަމަށް ނިސްބަތްކޮށެވެ.