ރާއްޖޭގެ ދަތުރު ފަތުރާބެހޭ ގާނޫނުގެ ބިލު ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެކަމަށް ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ނިއުމާ ވިދާޅުވެއްޖެއެވެ.
ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދަތުރުފަތުރާބެހޭ ބިލު ޑްރާފްޓް ކުރުމަށް އެކުލަވައިލި ސަބްކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ސަރުކާރުން އެކުލަވާލާފައިވާ ދަތުރު ފަތުރާބެހޭ ގާނޫނުގެ ބިލާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން، އެޓާނީ ޖެނަލްގެ އޮފީހާ ހަވާލާދެއްވައި ނިއުމާ ވިދާޅުވީ ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ބިލު މަޖިލީހަށް ފޮނުވާނެ ކަމަށް އޭޖީ އޮފީހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރީ، ދަތުރު ފަތުރާބެހޭ ގާނޫނުގެ ބިލެއް އެކުލަވާލުމަށްޓަކައި ކޮމިޓީން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ.
ސަރުކާރުން އެކުލަވާލާ ބިލާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ނިއުމާ ވިދާޅުވީ، ބިލް ތައްޔާރުކުރުމަށް ކޮމިޓީން ކޮށްފައިވާ މަސަައްކަތާއި، ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލާ އެއްކޮށްލުމުން ބިލު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ޕްލޭނިން މިނިސްޓްރީން ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔައީ، އެޓާނީ ޖެނެރަލްގެ އޮފީހާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓިއާ ގުޅިގެން ކަމަށެވެ.
އެގޮތުން ރާއްޖޭގައި ނެޝަނަލް ފެރީ ނެޓްވޯކެއް ގާއިމް ކުރުމާބެހޭގޮތުން، ފައިނޭޝަލް އެސެސްމެންޓަކާއި، ބިޒްނަސް އެސެސްމެންޓެއް ހަދާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓާ އޮފް ސްޓޭޓް ފޮ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، އަހުމަދު އާދިލް ވިދާޅުވީ، ސަރުކާރުން އެކުލަވާލާފައިވާ ބިލަކީ ސަރުކާރުގެ ސިޔާސަތުތަކާއި ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް އެކުލަވާލައި ތައްޔާރުކޮށްފައިވާ ބިލެއް ކަމަށެވެ. އެބިލު މަޖިލީހަށް ހުށަހެޅުމުން، ކޮމިޓީން ކުރިއަށް ގެންދާ ބިލުގެ މަސައްކަތާއެކު ކުރިއަށް ގެންދިއުމަށް ބިލް ޑްރާފްޓް ކުރުމަށް ކޮމިޓީން މިހާރު ކުރަމުން ގެންދާ މަަސައްކަތް މަޑު ޖައްސައިލުމަށް އާދިލް އެދިވަޑއިގެންނެވިއެވެ.
އެހެންކަމުން އެ ކޮމިޓީން ވަނީ އެ މަސައްކަތް މަޑުޖައްސާލަން ނިންމައިފައެވެ.
މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދަތުރުފަތުރާބެހޭ ބިލެއް ޑްރާފްޓް ކުރަން ފެށީ، ރައްޔިތުންގެ މަޖިލީހުން ކަމާބެހޭބިލްތައް އެކުލަވައިލުމަށް މިދިޔައަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި ނިންމެވުމާ ގުޅިގެންނެވެ.
ނަމަވެސް އެކަމުގައި މަޖިލިސް ރައީސް އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއާތާ ދެބޭފުޅުންގެ ހިޔާލު ވަނީ ތަފާތުވެފައެވެ.