ޚަބަރު

ނުދައްކައި ހުރި ފެން ބިލުތައް ބަހާލައިގެން ދެއްކޭނެ އުސޫލު އަންނަ އަހަރުގެ ނިޔަލަށް ދަންމާލައިފި

ނުދައްކައި ހުރި ފެން ބިލުތައް ދެއްކުމަށް ލުޔެއް ދިނުމުގެ ގޮތުން އެފަދަ ފަރާތްތަކުގެ ޖޫރިމަނާ މައާފު ކުރުމަށް ދައުލަތުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ތައާރަފު ކުރި "ދަރަންޏަށް ލުޔެއް" ޕްރޮގްރާމްގެ މުއްދަތު އަންނަ އަހަރުގެ ނިޔަލަށް ދަންމާލަށް އެކުންފުނިން ނިންމައިފި އެވެ.

ދަރަންޏަށް ލުޔެއް ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

އެމްޑަބްލިއުއެއްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބައެއް ކަސްޓަމަރުންނަށް ބިލް ދެއްކެވުމުގައި ދިމާވެފައިވާ ދަތިތަކަށް ލުޔެއް ދިނުމަށް ފެށި ޕްރޮގްރާމް، ކޮވިޑާއި ގުޅިގެން އައި ފުރަބަންދުގެ ސަބަބުން، ގިނަ ކަސްޓަމަރުންނަށް ބޭނުން ނުހިފޭކަމަށް ފާހަގަ ވެފައިވާ ކަމަށެވެ. އެހެންކަމުން އެޕްރޮގްރާމް އަލުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

"އެހެންކަމުން، ފެންބިލުގެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުން ތަހައްމަލު ކުރައްވަން ޖެހިފައިވާ ދަތިކަމަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން، މިކުންފުނިން ތައާރަފު ކޮށްފައިވާ ދަރަންޏަށް ލުޔެއް ޕްރޮގްރާމްގެ މުއްދަތު 17 މާޗް 2021 ގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަން،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ވަނީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރުންނާއި ވީހާވެސް ގާތުން، ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ އަބަދުވެސް އެކުންފުނީގެ އަމާޒެއް ކަމަށެވެ. އެގޮތުން ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ކަސްޓަމަރުންގެ ފަރާތުން މަހުން މަހަށް ފެން ބިލަށް ފައިސާ ދެއްކެވުމަކީ އެކުންފުނިން ބާރުއަޅާ ކަމެއް ކަމަށެވެ.

އަންނަ އަހަރުގެ މާޗް މަހުގެ 17ގެ ކުރިން ފެން ބިލަށް ދައްކާ ފައިސާގެ އިންސައްތައިގެ ނިސްބަތުން، ޖޫރިމަނާ މައާފު ކުރެވިގެންދާނެ ކަމަށެވެ. އަދި ފެން ބިލަށް ދައްކަން ޖެހޭ ފައިސާ އެއްފަހަރާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް، މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.