އިޓާލިއަން ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވަރުގަދަ ޔުވެންޓަސް ބަލިކޮށް ނަޕޯލީ އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
ނަޕޯލީ ޗެމްޕިއަން ކަން ހޯދީ ރޭ އިޓަލީގެ ރޯމްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު 0-0 އިން އެއްވަރުވުމުން ޕެނަޕެލްޓީ ޖަހައިގެން 4-2 އިން ކުރި ހޯދައިގެންނެވެ. މިއީ، އެޓީމު މިމުބާރާތް ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބާރު ބޯޅަ ނަޕޯލީގެ ގޯލްކީޕަރު އެލެކްސް މެރެޓް ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގައި ދެޓީމަށް ވެސް މާގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އަދި ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުން ކުރެޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ފުރަތަމާ ހާފާއި ހިލާފަށް ދެ ވަނަ ހާފުގައި ނަޕޯލީން ވަނީ މޮޅު ކުޅުމެއް ދައްކައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަސްވަކޮށްފަ އެވެ. ނަމަވެސް ދެވަނަ ހާފުގައިވެސް ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ވާގޮތެއް ނުވިއެވެ.
މެޗްގެ ވަގުތު ހަމަވެ ޖެހި ޕެނަލްޓީގައި ޔުވެންޓަސް އަށް ވައްދާލެވުނީ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އެވެ. އެޓީމުގެ ފުރަތަމަ ޕެނަލްޓީ ޖެހީ ޕައޮލޯ ޑިބާލާ އެވެ. ނަޕޯލީގެ ކީޕަރު މެރެޓް އެ ޕެނަލްޓީ މަތަކުރިއިރު ދެ ވަނަ ޕެނަލްޓީ ޑެނީލޯ ޖެހީ ގޯލުގެ މަތިންނެވެ. ޔުވެންޓަސް އަށް ކާމިޔާބުކުރެވުނީ ލިއޮނާޑޯ ބޮނޫޗީ އާއި އާރޮން ރަމްސީ ޖެހި ޕެނަލްޓީތަކެވެ. ނަމަވެސް ނަޕޯލީން ފުރަތަމަ ހަތަރު ޕެނަލްޓީ ވެސް ވައްދާލައިގެން އެޓީމުންވަނީ އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ހަވަނަ ފަހަރަށް ހޯދާފައެވެ.