Close
ޚަބަރު

އާ ސީޕްލޭން ޓާމިނަލްގެ 95 ޕަސެންޓް މަސައްކަތް ނިމިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި 55 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ އާ ސީޕްލޭން ޓާމިނަލްގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ސާޅީސް މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ)ގެ މި މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިންނެވެ.

އެމްއޭސީއެލުން ބުނީ، ފޭސް އެކެއްގެ ދަށުން ގާއިމުކުރާ ޑޮކްތަކުގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމި، ޓާމިނަލްގެ އިންޓާނަލް މަސައްކަތްތަކުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޑޮކްތަކަށް ފިއުލް ލައިން ގުޅުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29 ޖެނުއަރީ 2018 ގައެވެ. އެއާޕޯޓުގެ އިރުމަތީ ފަރާތުގައި، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަގަހަށްވާ ގޮތަށް އޮންނަ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކައިގެން ހަދާ އާ ޓާމިނަލުން އެއް ފަހަރާ 55 ސީޕްލޭނަށް ހިދުމަތް ދެވޭނެއެވެ. އަދި އެ އަދަދު 100 އަށް އިތުރުކުރެވޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، އާ ޓާމިނަލްގެ މަސައްކަތް ނިންމައި މިދިޔަ މަސް ތެރޭގައި ހިދުމަތް ދެވޭނެއެވެ. ނަމަވެސް އެތަން ހިންގަން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭއަށް ދޭން އުޅުނު ވާހަކަތަކާއެކު ބޮޑު ބަހުސެއް ފެށުނެވެ.

ނަމަވެސް ސަރުކާރުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ، ކުރިން މަޝްވަރާކުރި 15 އަހަރުގެ ބަދަލުގައި، ދެ އަހަރުގެ މުއްދަތަކަށް 10.35 ޑޮލަރުގެ ރޭޓުން ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރުގެ ޖާގައެއް ޓީއެމްއޭއަށް ދޭ ގޮތަށެވެ. ޓީއެމްއޭގެ އިތުރުން މަންޓާއަށް ވެސް މިހާރު އެ ކުންފުނީން ބޭނުންކުރާ ސައިޒުގެ ޖާގައެއް ޓީއެމްއޭއަށް ދިން ރޭޓުގައި ދޭން ވެސް ސަރުކާރުން ވަނީ ނިންމައިއެވެ. އެއަށްފަހު ބާކީ އޮންނަ 21،000 އަކަމީޓަރު އަލުން ޓެންޑާކޮށް ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.