ޚަބަރު

ފެން ކާރިސާއާ ގުޅިގެން އުފެއްދި ފަންޑުން 10.82 މިލިއަން ރުފިޔާ ހަރަދުކުރީ އުސޫލެއް ނެތި: އޮޑިޓް ރިޕޯޓް

އެމްޑަބްލިޔުއެސްސީގައި 2014 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އުފެއްދި "މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓް ފަންޑު" އަށް 127.52 މިލިއަން ރުފިޔާ ލިބުނުއިރު އެ ފައިސާގެ ތެރެއިން 10.82 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ އުސޫލެއް ނެތި ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ފެން ފަންޑަށް ލިބުނު މާލީ އެހީތަކާއި އެ ފަންޑަށް ލިބުނު ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލުތައް ބެލުމަށްފަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ ފަންޑަށް ލިބުނު 127.52 މިލިއަން ރުފިޔާގެ ތެރެއިން 85.82 މިލިއަން ރުފިޔާ ހަރަދުކުރީ ހާދިސާއިން އަރައިގަތުމަށް ކަމަށާއި ބާކީ 41.7 މިލިއަން ރުފިޔާ ޖަމާކުރީ ލޯނު އެންޑް ކެޕިޓަލް ވޯކްސް ފަންޑަށް ކަމަށެވެ.

ނަމަވެސް ފަންޑުގެ މެންޑޭޓެއް ނެތި އަދި ފަންޑުން ހަރަދުކުރާނޭ ކަންތައްތައް ރަސްމީކޮށް ކަނޑައެޅުމެއްނެތި ފަންޑުގެ ފައިސާއިން 10.82 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ފަންޑުން ހަރަދުކުރާނޭ ކަންތައްތައް ކަނޑައަޅާފައިނުވުމުގެ ސަބަބުން ފަންޑުން ހަރަދުކުރުމުގެ ކަންތައް ހަވާލުކޮށްފައިވާ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް އެމްޑަބްލިޔުއެސްސީން ހުށަހެޅި ބިލްތަކަށް ފައިސާ ދެއްކުމަށް ދަތިތަކާ ކުރިމަތިވި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން މާލިއްޔަތު ގާނޫނުގެ 25 ވަނަ މާއްދާއާ އެއްގޮތަށް ޓްރަސްޓް ފަންޑެއްގެ ގޮތުގައި އެ ފަންޑު އެކުލަވާލާފައިނުވުމާއި ފަންޑުގެ ހިސާބުތައް ވެސް ބަލަހައްޓާފައިނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ، އެ ހާދިސާއާ ގުޅިގެން ފެން ކުންފުންޏަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، މާލޭ ވޯޓާ ކްރައިސިސް މެނޭޖުމަންޓު ފަންޑުންނާއި ޖަޕާނު ފުޑް އެއިޑް ކައުންޓަޕާޓް ފަންޑުގެ އިތުރުން އިންޝުއަރެންސް ފައިސާގެ ގޮތުގައި ޖުމްލަ 41.17 މިލިއަން ރުފިޔާ އެމްޑަބްލިޔުއެސްސީއަށް ލިބުނު ކަމަށެވެ.

ނަމަވެސް އެމްޑަބްލިޔުއެސްސީއަށް ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި، ހަރަދުކޮށްފައިވަނީ 28.42 މިލިއަން ރުފިޔާ ކަމަށާއި އެހެންކަމުން ހާދިސާއާ ގުޅިގެން ހިނގާފައިވާ ހަރަދަށްވުރެ އިތުރަށް 12.75 މިލިއަން ރުފިޔާ އެމްޑަބްލިޔުއެސްސީއަށް ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.