ޚަބަރު

ކޮވިޑާއެކު އުޅެން ގިނަ ބަޔަކަށް ދަސްވެއްޖެ: މަބްރޫކް

އަލީ ޔާމިން

ކޮވިޑް 19އާ އެކު އުޅެން ގިނަ ބަޔަކަށް ދަސްވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޑާ ދެކޮޅަށް ރާއްޖެއިން ހަނގުރާމަކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި ކޮވިޑާއެކު އުޅުމަށް ގިނަ ބަޔަކަށް މިހާރު ދަސްވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ ކޮވިޑާއެކު އުޅުމަށް ގިނަ ބަޔަކަށް މިހާރު އެނގޭތަން. ރަށްރަށުގައިވިޔަސް މިކަންކަމަށް ހަގީގަތުގައި މީހުން ވަރަށް ބޮޑަށް އަހުލުވެރިވެެއްޖެ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ރާއްޖެއިން ކޮވިޑަށް ތައްޔާރުވީއިރު މައިގަނޑު ގޮތެއްގައި ކުރީ ތިން ކަމެއް ކަމަށެވެ. އެގޮތުން ކެޕޭސިޓީ އިތުރުކުރުމާއި، ކޮވިޑުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ކޮވިޑުގެ ނުރައްކަލުން ސަލާމަތްވެވޭނެ ގޮތްތައް ހޯދައި ބެލުމުގެ ކަންކަން ކުރި ކަމަށް ވިދާޅުވިއެވެ.

ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރި މަސައްކަތުގެ ނަތީޖާ ފެންނަކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ، ކޮވިޑުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ގިނަ ބަޔަކު މިހާރު އުޅެނީ ގައިދުރުކޮށްގެން ކަމަށް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައިވާ އިރު، ސަރުކާރުން ވަނީ ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދީފައެވެ. ސިއްހީ މާހިރުންވެސް ވިދާޅުވާ ގޮތުގައި ލޮކްޑައުންގައި އަބަދު ގައުމު ނުބޭއްވޭނެއެވެ. އެހެންކަމުން ކޮވިޑާއެކު އުޅެން ދަސްކުރަން ޖެހޭ ކަމުގައި އެފަރާތްތަކުން ފާހަގަކުރެއެވެ.

ރާއްޖެއިން މިހާތަނަށް 2،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، އެ ބަލި ޖެހުނު 80 އިންސައްތަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެ ބަލީގައި ރާއްޖެއިން މަރުވީ އަށް މީހެކެވެ.