މި ވަގުތީ އާލަމުގައި ދިރިއުޅުމުގެ ދުވަސްތައް ގުނަމުން ދާއިރު، އެކި ދުވަސްވަރުގައި އަހަރެމެންނަށް އެކި ކަހަލަ އިމްތިހާނުތަކާއި ކުރިމަތި ލާން ޖެހޭނެއެވެ. އިތުރަށް ދިރިއުޅުމައިގެން ކުރިއަށް ނުދެވޭނެ ކަމަށް ހީވެ، ދިރިއުޅުމުން އުންމީދު ކެނޑިގެންދާ އެތައް ހާލަތްތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނޭ ބުނަނީ މި ސަބަބުތަކާއި ހުރެއެވެ. މިއަދު އުފާކޮށް މަޖާ ކުރާނަމަ، މާދަމާ ކަރުނަ އަޅައި ރޯން ޖެހިދާނެއެވެ. ދިރިއުޅުމަކީ އިމްތިހާނަކަށް ވަނީ މިހެންވެއެވެ.
ހަޔާތުގެ ދުވަސްތައް އަހަރެމެން ކަޑައްތު ކުރަމުން ދާއިރު، ކުރިމަތިލާން ޖެހޭ އަޑިގުޑަންތަކުން އަރައިގަނެ، ދިރިއުޅުމައިގެން ކުރިއަށް ދެވޭނީ އިމާންތެރިކަން ވަރުގަދަ އަދި ގަދަ ކީރިތި ވަންތަ ﷲ އެންގެވި މަގުން ހިނގާ އިންސާނުންނަށެވެ. އަހަރެމެންނަށް ކުރިމަތިވާ އިމްތިހާނުތަކުން ފުލް މާކްސް ހޯދައިގެން ފާސް ވެވޭނީ ﷲ ގެ ނިޔާފުޅަށް ރުހޭ މީހާއަށެވެ. ދިރިއުޅުން މަތިން އުންމީދު ކަނޑައިނުލާ މީހާއަށެވެ. ދީނުގައި ސާބިތުވެ ހުންނަ މީހާއަށެވެ.
ޝައްކެއްވެސްނެތެވެ. އަޅާ ކޮންމެ ފިޔަވަޅަކަށް އަހަރެމެންނަށް ދީނާއި ދުރަށް ދިއުމަށް މަގު ދައްކަން، ޝައިތޯނާ އަބަދާއި އަބަދު ހުންނާނީ ފަހަތުގައި ވިއްދައިފައެވެ. ދީނާއި ދުރުވެ، މާތް ﷲ ނަހީކުރެއްވި ކަންކަން ކުރުމަކީ ހުރިހާ މައްސަލައަކަށް އޮތް ހައްލުކަން އަހަރެމެންގެ ހިތަށް ވައްދައިދީ، ވަސްވާސް ދިނުމަށް ޝައިތޯނާ މަސައްކަތް ކުރާނެއެވެ. އެހެންކަމުން ޝައިތޯނާގެ ވަސްވާސްތަކަށް ފުރަގަސްދީ ދީނުގައި ދެމި ހުރުމަށް އަހަރެމެންގެ އަގީދާ އަދި އީމާންތެރިކަން ވަރުގަދަ ވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ފަސް ވަގުތު ފަސް ނަމާދު ބަރާބަރަށް ފަރުވާކުޑަ ނުކޮށް ކުރުމަކީ ދިރިއުޅުމުގައި އަހަރެމެން ކުރިމަތިލާން ޖެހޭ އިމްތިހާނުތަކުން ފަސޭހައިން ފާސް ވެވެން އޮތް މަގެކެވެ. ހަމަޔަގީނުންވެސް، އެންމެ އޯގާވެރިވަންތަ އިލާހު އަހަރެމެންގެ ހާލަތު ދެނެވޮޑިގެންވާނެއެވެ. އެއްވެސް އިންސާނަކަށް، އޭނާއަށް ނުއުފުލޭނެ ވަރުގެ ބުރައެއް ނުޖައްސަވާނެއެވެ. އެހެންކަމުން، ދިމާވާ ހުރިހާ މައްސަލަތަކާއި އަދި އިމްތިހާނުތަކާއި ކެރިގެން ކުރިމަތިލައި، މާތް ﷲ އަށް އިތުބާރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަން ވިސްނައި ގަދަކީރިތިވަންތަ އިލާހުގެ ނިޔާފުޅަށް ރުހޭށެވެ.