މުނިފޫހިފިލުވުން

ސަލްމާނު ބޮލުގައި އަބިނަވު އެޅުވި ތުހުމަތުތަކާ ދެކޮޅަށް މައްސަލަ ހުށަހަޅާނަން: ސަލްމާންގެ އާއިލާ

އީމާ މުހައްމަދު ވަހީދު

ޑައިރެކްޓަރު އަބިނަވު ކަޝްޔަޕު، އޭނާގެ ފިލްމީ ކެރިއަރު ހަލާކުކޮށްލުމަށް ސަލްމާނު ހާން މަސައްކަތް ކުރިކަމަށް ބުނެ، ބޮލުގައި ތުހުމަތުތަކެއް އެޅުވުމުން އެމައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ސަލްމާނުގެ އާއިލާއިން ބުނެފިއެވެ.

2010 ވަނަ އަހަރު ދަބަންގު ފިލްމު ޑައިރެކްޓްކުރި އަބިނަވް، އޭނާގެ އޮފިޝަލް ޓުވީޓާ އެކައުންޓުގައި ހިއްސާ ކުރި ލިޔުމެއްގައި ބުނެފައިވަނީ ސަލްމާނު ހާން އޭނާގެ ކެރިއަރު ހާލަކުކޮށްލުމަށް މަސައްކަތް ކުރި ކަމަށެވެ. މީގެ އިތުރުން އެ ޕޯސްޓުގައި އަބިނަވް ވަނީ އޭނާގެ ހަގީގީ ދުޝްމަނުންނަކީ ސަލްމާން އަދި އޭނާގެ އާއިލާ ކަމަށްވެސް ބުނެފައެވެ.

އަބިނަވް ގެ އެ ތުހުމަތުތަކާއި ގުޅިގެން ސަލްމާނުގެ ކޮއްކޮ އަރުބާޒް ވަނީ އެމައްސަލަ ކޯޓަށް ހުށަހަަޅާނެ ކަމަށް ބުނެފައެވެ. އެގޮތުން، އަރުބާޒު ބުނީ، ދަބަންގް 2 ގެ މަސައްކަތްތައް ފެށުނު ހިސާބުން ފެށިގެން، ސަލްމާން އަދި އެ އާއިލާއިންވެސް އަބިނަވް އާ އެއްވެސް ގުޅުމެއް ބާއްވާފައި ނުވާނެ ކަމަށެވެ. އަބިނަވް ގެ ތުހުމަތުތަކާއި ގުޅިގެން ސަލްމާން ހާންގެ ބައްޕަ ސަލިމް ހާންވެސް ވަނީ އެމައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން އެ ތުހުމަތުތަކަށް ރިއެކްޓް ކުރަން މަޑުކޮށްގެން އެއްވެސް ވަގުތެއް ބޭކާރު ނުކުރާނެ ކަމަށްވެސް ސަލްމާނުގެ ބައްޕަ ވަނީ ބުނެފައެވެ.

ބޮލީވުޑްގެ ތަރި ޝުޝާންތު ސިންގް ރާޖްޕުތު ޑިޕްރެޝަނަށް ބޭސްކުރަމުން ދަނިކޮށް އަމިއްލައަށް މަރުވުމާއި ގުޅިގެން، ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ އެމީހުންގެ ދިރިއުޅުމުގައި ދިމާވެފައިވާ އެކި ކަންކަން ކިޔައިދީ ނަފްސާނީ ބަލިތަކާ ހަނގުރާމަ ކުރާ ކަން ހާމަކޮށްފައެވެ.