ކޮވިޑް-19އާ ގުޅިގެން ސްކޫލުތައް ބަންދުކުރިތާ ތިން މަހަށްފަހު އަންނަ ޖުލައި މަހުގެ 1 ގައި ރާއްޖޭގެ ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފަށާނެއެވެ. ނަމަވެސް އާ އާންމު ހާލަތަކާއެކުއެވެ. އެކަމުގެ ތައްޔާރީތައް ވާން ސްކޫލުތަކަށް މިހާރު ވަނީ އަންގައިފައެވެ. އެކަމާ ގުޅޭ ބައެއް ގައިޑްލައިންތަކާ އުސޫލުތައް ސްކޫލުތައް ހުޅުވަން ދެ ހަފްތާއަށް ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
ސްކޫލުތައް އާ އާންމު ހާލަތަކާއެކު ހުޅުވާލަން ނިންމާފައިވާއިރު، މިހާލަތުގައި ދަރިވަރު ސްކޫލަށް ހާޒިރުވާން ޖެހޭނީ މާސްކު އަޅައިގެންނެވެ. އެއާއެކު ބެލެނިވެރިން އަރުވާ ޖަހައި، މިހާރު މަސައްކަތްކުރަމުން އަންނަނީ ކުއްޖާ އަޅުވާނެ ރީތި މާސްކެއް ލިބޭތޯއެވެ. ފަހާ މީހުންނަށް މާސްކު ފަހަން ދޭ އޯޑަރުތައް ގިނަވެއްޖެއެވެ. ވިޔަފާރިތަކުން ވެސް މިދަނޑިވަޅުގެ ފައިދާ ނަގައި، ތަފާތު ކުލަކުލައިގެ ފޮތީގައި ސްކޫލުތަކުގެ ލޯގޯ ޖަހައިގެން މާސްކު ވިއްކަން ފަށައިފި އެވެ.
ނަމަވެސް ދަރިވަރުން އަޅަންވީ ކޮންކަހަލަ މާސްކެއް ހެއްޔެވެ؟ މާސްކު ފަހާއިރު ހުންނަންވީ ކިހިނެއް ހެއްޔެވެ؟ މިއީ ގިނަ ބެލެނިވެރިންގެ ސުވާލުތަކެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި ގޮތުގައި، ދަރިވަރުން މާސްކު އެޅުމުގެ ކަންތައްތައް ހަމަޖައްސާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށެވެ. އެގޮތުން ސާޖިކަލް މާސްކު އަދި ފޮތި މާސްކު ވެސް އެޅިދާނެއެވެ. ނަމަވެސް ބޮޑަށް އެދެނީ ދަރިވަރުން ފޮތިމާސްކު އެޅުމަށް ކަމަށާއި އެއީ ހަރަދު ކުޑަވެފައި، ގިނަ ވަގުތު ދަރިވަރުން އެ އަޅައިގެން ތިބެންޖެހޭނެތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުން، ފޮތި މާސްކު ހެދުމަށް ބޭނުންކުރާ ފޮއްޗަކީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ، ނޭވާލުމަށް ފަސޭހަ ފޮއްޗަކަށް ވާން ޖެހެއެވެ. މާސްކުގެ ބޭރުފަށަލަ ހަދާފައި ހުންނަންވާނީ ފަސޭހައިން ފެން ނުފާއްދާ ފޮއްޗަކުންނެވެ.
މާސްކު ފަހާފައި ހުންނަންވާނީ ތިން ފަށަލަ ހުންނަ ގޮތަށެވެ. އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކޮށް، ރަނގަޅަށް ބަންދުވާން ވާނެއެވެ. އަދި ބާރުވެގެން ނުވަތަ ދޫވެގެން އަބަދު އަތްލައި ރަނގަޅު ކުރަން ޖެހޭ ފަދަ މާސްކުއެޅުން ރަނގަޅެއް ނޫނެވެ.
އޭގެ އިތުރުން ދަރިވަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން ސްކޫލުގައި ބޭނުންކުރަންވާނީ އެއްވެސް ފަރުމާއެއް ނެތް ނުވަތަ ޕްލެއިން ފޮތިން ފަހާފައިވާ މާސްކް ކަމަށާއި މާސްކުގައި ސްކޫލުގެ ލޯގޯ ޖެހުމާއި އެނޫންވެސް ޒީނަތްތެރިކުރުމުގެ ގޮތުން ފާހަގަވާނޭ ފަދަ އިތުރު ކުރެހުމެއް ނުޖެހުމަށް މިނިސްޓްރީން އެދެއެވެ. އަދި މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫންގޮތަކަށް އެއްވެސް ސްކޫލެއްގެ ބެޖު ޖަހައިގެން މާސްކު ހަދައި، ނުވިއްކުމަށް ވެސް ވަނީ އަންގައިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން އަންނަ ޖުލައި މަހު އެކެއްގައި ކޮވިޑް ނެތް ރަށްރަށުގެ ގުރޭޑް އެކަކުން މަތީގެ ގުރޭޑްތަކަށް ކިޔަވައިދޭން ފަށާއިރު މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭނީ ގުރޭޑް 9 އަކުން މައްޗަށެވެ.
ސާނަވީ ކުދިންނަށްވުރެ ޕްރައިމަރީ ގުރޭޑްތަކުގެ ކުދިންނަށް މާސްކު އަޅައިގެން އުޅުމަކީ އާ ނުވަތަ އުދަނގޫ ކަމަކަށް ވެދާނެއެވެ. މިއީ އުދަނގޫ ހާލަތެއް ނަމަވެސް މިކަމަށް ދަރިވަރުން ހާނުވަން މިއަދު މިވަނީ މަޖުބޫރުވެފައެވެ. ނަމަވެސް މާސްކު އެޅުމުން އިސްތިސްނާވާ ހާލަތްތަކެއް އެބަ އޮތެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި، އުމުރުން ދެ އަހަރުން ދަށުގެ ކުދިން މާސްކު އަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް މިކުދިން މާސްކު އެޅުވި ނަމަވެސް ބެލެނިވެރިން އަދި ޓީޗަރުން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. އެގޮތުން އޭގެ ސަބަބުން ކުއްޖާއަށް ނޭވާލާން އުދަނގޫވޭތޯ ބަލައި ޗެކު ކުރަންވާނެއެވެ.
އޭގެ އިތުރުން މާސްކު ރަނގަޅަށް ބޭނުންކުރަން އަދި އަޅައިގެން އުޅެން ނޭނގޭ ކުދިން މާސްކު އެޅުވުން އެދެވިގެންނެއް ނުވެއެވެ. ނޭވާލުމުގެ މައްސަލަތަކެއް ހުންނަ ކުދިންނާއި އަމިއްލައަށް މާސްކު ނުނެއްޓޭ ފަދަ ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް މާސްކު އެޅުން ރަނގަޅެއް ނޫނެވެ.
އުމުރުން ދެ އަހަރުން ދަށުގެ ކުދިން މާސްކު އަޅަން ނުޖެހޭއިރު އަންނަ މަހުގެ 1 ވަނަ ދުވަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށާއިރު ނާސަރީތަކާއި ޕްރީ ސްކޫލުތަކުގައި ކިޔަވައެއް ނުދޭނެއެވެ. އެތަންތަނުގައި ކިޔަވައިދޭނެ ތާރީހެއް ވެސް އެޑިއުކޭޝަން މިނިސްޓްރީން އިއުލާނެއް ނުކުރެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، ކޮންމެ މުވައްޒަކު އަދި ދަރިވަރަކު ވެސް ސްކޫލަށް ދާއިރު މަދުވެގެން ދެ މާސްކު ގެންދަން ޖެހެއެވެ. އަދި ކޮންމެ މާސްކެއް ވެސް އޮންނަންވާނީ ކަރުދާސް ކޮތަޅު ނުވަތަ ފޮތި ކޮތަޅު ބޭނުން ކޮށްގެން ބަންދު ކޮށްފައެވެ.
އޭގެ އިތުރުން ސްކޫލަށް ދާއިރުގައްޔާއި ގެއަށްދާއިރު އަދި ސްކޫލް ގޯތިތެރޭގައި ދަރިވަރު އުޅޭ ހުރިހާ ވަގުތެއްގައި ވެސް ތިބެން ވާނީ މާސްކު އަޅައިގެންނެވެ އަދި ސާފު ވައި ދައުރު ނުވާ ނުވަތަ އެއާކޯން ކޮށްފައިވާ ކުލާހެއް ނަމަ ހުރިހާ ދަރިވަރުންނާއި ޓީޗަރުން ވެސް ތިބެންވާނީ އަބަދުވެސް މާސްކު އަޅައިގެންނެވެ.
ދަރިވަރުންނާއި ސްކޫލު މުވައްޒަފުންގެ އިތުރުން ސްކޫލަށް ވަދެނިކުމަވާ ކޮންމެ މީހަކު ވެސް މާސްކު އަޅަން ޖެހެއެވެ. އަދި މާސްކު އެޅުމުގެ ކުރިން ސައިބޯނި ލައިގެން އަތް ދޮންނަން ޖެހެއެވެ. އަތްދޮވެވެން ނެތްނަމަ ހޭންޑް ސެނިޓައިޒާއެއް ބޭނުންކުރަން ވާނެއެވެ.
މިހާ ބައިވަރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެސް ސްކޫލުތައް ހުޅުވަން ޖެހޭތޯ މިއީ ވެސް ބެލެނިވެރިންގެ ހިތުގައި އުފެދޭ ސުވާލެކެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި ގޮތުގައި ސްކޫލަކީ ކުދިންގެ ދިރިއުޅުމާއި އުނގެނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. އެއީ ކުދިންގެ އިޖުތިމާއީ ގުޅުންތަކާއި އެކުދިން ރައްޓެހިންނާ ބައްދަލުވެ އެތައް ކަމެއް ދަސްވާ މާހައުލެކެވެ. އަދި މާޗް މަހުން ފެށިގެން ކުދިން ސްކޫލްތަކަށް ނުދާއިރު ދަރިވަރުން ވަރަށް ގިނަ ކަންކަމުން މަހްރޫމްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އަންނަ ޖުލައި މަހުން ފެށިގެން ރާއްޖޭގެ ތައުލީމީ ހަޔާތުގައި ވެސް މި ފެށެނީ ތަފާތު ކަމަކެވެ. މުޅީން އާ ތަޖުރިބާއެކެވެ. މިއީ ބައްޔާއެކު އުޅެން ދަރިވަރުން ދަސްކުރަން ފަށާ ފުރަތަމަ މަރުހަލާއެވެ. އިމްތިހާނުތަކުގައި އެއް ކުއްޖަކާ އަނެއް ކުއްޖަކާ ދުރުދުރުގައި ބޭތިއްބި ގޮތަށް، މިއަދު އާންމުކޮށް ކިޔަވައިދޭ އިރުވެސް ތިބެން މިވަނީ ޖެހިފައެވެ. ދަރިވަރުންނަށް ސިއްހީ އެތައް އާދަތަކެއް ދަސްކޮށްދޭން މިވަނީ ޖެހިފައެވެ. ކޮވިޑާއެކު އުޅެން އެކުދިންނަށް ކިޔައިދޭން އެބަޖެހެއެވެ. މިކަންކަމާއެކު ސްކޫލުތަކަކީ ބަލި ފަތުރާ ތަނަކަށް ނުހެދުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ.