ޓެކްނޮލޮޖީ

ފޭސްބުކުން ވަޓްސްއެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ހިދުމަތް ތައާރަފު ކޮށްފި

މުހައްމަދު އައުޒަމް

ފޭސްބުކްއިން ވަޓްސްއެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ހިދުމަތް ތައާރަފު ކޮށްފިއެވެ.

ވަޓްސްއެޕް މެދުވެރިކޮށް އެކަކު އަނެކަކަށް ފައިސާ ފޮނުވޭ ހިދުމަތް ތައާރަފު ކޮށްފައިވާއިރު މިހިދުމަތް އަދި ލިބޭނީ ބްރެޒިލް ރައްޔިތުންނަށް އެކަންޏެވެ. މި ހިދުމަތް ބޭނުން ކުރުމަށް އިތުރު ޗާޖެއް ނުނަގާނެކަމަށް ވަޓްސްއެޕުން ބުނެއެވެ. ވަޓްސްއެޕް މެދުވެރިކޮށް ކުދިވިޔަފާރިތަކަށްވެސް ފައިސާ ފޮނުވޭނެއެވެ.

ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި ފޭސްބުކުން ވަނީ އެކުންފުނީގެ އެޕްތަކުން އީކޮމާސްގެ ހިދުމަތް ލިބޭނެ ގޮތްތައް ހޯދަން ފަށާފައެވެ.

މީގެ ކުރީން ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ވަނީ މިހިދުމަތް އިންޑިއާގެ އިތުރުން އިންޑޮނީޝިއާ އަދި މެކްސިކޯއަށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އިންޑިއާގައި މިހިދުމަތް ދިނުމަށް މިހާރު ޓެސްޓު ކުރަމުން ދެއެވެ.

ވަޓްސްއެޕުން ބުނީ މިހިދުމަތް ދިނުމަށް ބޭނުންކުރަނީ ފޭސްބުކް ޕޭ ކަމަށެވެ.

ބްރެޒިލްގައި ވަޓްސްއެޕް ބޭނުންކުރާ 120 މިލިއަން މީހުން އުޅޭކަމަށް އެކުންފުނިން ބުނެއެވެ. މިއީ ދުނިޔެއިން ދެވަނައަށް މިއެޕް އެންމެގިނައިން ބޭނުންކުރާ މީހުން އުޅޭގައުމެވެ. އިންޑިއާގައި 400 މިލިއަން މީހުން ވަޓްސްއެޕް ބޭނުން ކުރެއެެވެ.