ކުޅިވަރު

އަންނަ މަހު ގައުމީ ވޮލީބޯޅަ ޓީމުތަކުގެ ފަރިތަކުރުން ފަށަނީ

އައިދާ އަބްދުލް ހަކީމް

ގައުމީ ވޮލީބޯޅަ ޓީމުތަކުގެ ޕްރެކްޓިސްތައް އަންނަ މަހު ފެށުމަށް ނިންމާފައިވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ އެކްސްކޯ މެންބަރު ކޯޗް މުހައްމަދު ސާޖިދު(ކާއްޓެ ކޯޗް) ވިދާޅުވެއްޖެއެވެ.

ސާޖިދު ވިދާޅުވީ އަންހެން އަދި ފިރިހެން ޓީމުގެ ޕްރެކްޓިސްތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައްވެސް މިހާރު ވީއޭއެމުން ވެފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހު ޕްރެކްޓިސް ފަށާނެ ތާރީހް ފަހުން އިއުލާނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮވިޑް 19 އާ ގުޅިގެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލާފައިވާތާ މިހާރު ގާތްގަނޑަކަށް 3 ވަރަކަށް މަސް ވެއްޖެއެވެ.

އަންނަ މަހު ނިއު ނޯމަލްގައި ހުޅުވާލާއިރު ހެލްތު ޕްރޮޓަކްޝަން އެޖެންސީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކުޅިވަރުތައް ކުރިޔަށް ގެންދަން ހެލްތު މިނިސްޓްރީން ވަނީ އަންގައިފައެވެ.

މިއަހަރުގެ އޭޕްރީލް 10 އިން 20 އަށް އަންހެނުންގެ އޭވީސީ ސެންޓްރަލް ޒޯން މުބާރާތް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމުން އެ މުބާރާތް ލ. އަތޮޅުގައި ކުރިޔަށްގެންދަން ނިންމިއެވެ. ނަމަވެސް ކޮވިޑް 19 އާ ގުޅިގެން މި މުބާރާތް މިހާރުވަނީ ފަސްކޮށްފައެވެ.