މެންބަރު އީވާ އަބްދުﷲ

އަންހެނުންނަށް ހަމަހަމަކަން ހޯދުމަށްހުރި ދަތިތަކަށް ދާއިމީ ހައްލެއް ހޯދަން އީވާ ހުށަހެޅުއްވި ގަރާރު ބަލައިގެންފި

އިބްރާހިމް ޒަކީ

އަންހެނުންނާމެދު ކުރާ ތަފާތުކުރުންތައް ނައްތާލައި، ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ކަށަަވަރުކޮށްދިނުމަށް، ހުރި ދަތިިތަކާއި ގޮންޖެހުންތައް ބެލުމަށް ޕާލަމެންޓްރީ އިންކުއަރީއެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ މަޖިލީހަށް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގެންފިއެވެ.

މިި ގަރާރު ބަލައިގަތީ މިއަދުގެ ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 71 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ގަރާރު ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މަޖިލިސް ރައީސް ވަނީ ފޮނުއްވައިފައެވެ.

މިއީ ރާއްޖޭގައި، އެކި ދާއިރާ ތަކުގައި އަންހެނުންނާ މެދު ކުރާ ތަފަތު ކުރުންތަކަށް ނިމުމެއް ގެނައުމަށްޓަކައި ނުވަތަ ކުޑަ ކުރުމަށްޓަކައި ކުރާ މަސައްކަތުގައި، ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގާނޫނުތަކާއި ގަވާއިދު ތަކާއި ސިޔާސަތު ތަކުގައި އަންހެނުންނާ މެދު ގެންގުޅޭ ތފާތުކުރުން ތަކަކީ ކޮބައިކަމާއި، އަންހެނުންނަށް ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ނައްތައިލުމުގައި ހުރި ދަތިތަކާއި އުނދަގޫތަކަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ޕާލަމެންޓް އިންކުއަރީއެއް ހެދުމަށް ގޮވާލާއި ހުށަހަޅާފައިވާ ގަރާރެކެވެ.

އެ ގަރާރުގައި ބުނެފައިވަނީ، ގާނޫނުއަސާސީގައި ބަޔާން ކުރާ އަސާސީ ހައްގުތަކާއި މިނިވަންކަން، ތަފާތު ކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމާއި، އެ ހައްގުތަކާއި މިނިވަންކަން ލިބުމުގައި ޖިންސަށް ބަލައި ތަފާތުކޮށްގެން ނުވާނެ ކަމަށް ހަމަ އެ ގާނޫނުއަސާސީގައި ބަޔާންކުރާ ކަމަށެވެ.

އަންހެނުންނަކީ، ރާއްޖޭގެ އާބާދީގެ 49 އިންސައްތަ ކަމަށްވާއިރު، އަންހެނުންނާމެދު ކުރާ ތަފާތު ކުރުންތަކަށް ނިމުމެއް ގެނެސް، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި، އަންހެނުންގެ ފުރިހަމަ ހިއްސާ ގައުމީ ތަރައްގީގައި އޮތުމަކީ، ގައުމީ ތަރައްގީގެ ދުވެލި ހަލުވިވެގެންދާނެ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަކީ، އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން މި ގަރާރަކީ، ގާނޫނުގެ ކުރިމަތީގައި އަންހެނުންނަށް ހަމަހަމަ ކަން ކަށަަވަރުކޮށްދިނުމަށް، އަދި މިފަދަ ކަންކަމާ ގުޅޭގޮތުން އަމަލުކުރާ ގާނޫނު ތަކާއި ގަވާއިދު ތަކާއި ސިޔާސަތުތަކާއި ނިޒާމުތަކުގައި ހުރި ދަތިިތަކާއި ގޮންޖެހުންތަކަކީ، ކޮބައިކަން ދެނެގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ޕާލަމެންޓްރީ އިންކުއަރީއެއް ހަދައި، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އިސްލާހު ކުރަންޖެހޭ ކަންކަން ބަޔާންކޮށް އެ ކޮމިޓީގެ ރެކޮމެންޑޭޝަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގޮވާލައި ހުށަހަޅާ ގަރާރެއް ކަމަށްވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.