މަޖިލީހުގެ ރައީސް

މަޖިލީހަށް ހުށަހެޅޭ ބިލްތަކަށް ރައްޔިތުންގެ ހިޔާލު ހޯދަން ރަށްރަށުގައި މަޝްވަރާތައް ބާއްވަނީ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މުހިއްމު ބިލްތަކަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ ބެލުމުގެ ދަށުން ރަށްރަށުގައި މަޝްވަރާތައް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ބިލްތަކަށް ވީހާ ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލު ހޯދަން މަޖިލިސް ގަވާއިދުގައި ބާރުއަޅާފައި ވާ ކަމަށެވެ. އެހެންކަމުން އެފަދަ މަޝްވަރާތަކެއް މަޖިލީހުގައި ކުރިޔަށް ގެންދެވިދާނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މަޖިލިސް ރައީސް ވިދާޅުވީ، ކަމާބެހޭ ތަޖުރިބާކާރުންނާއި، ރައްޔިތުން ހިމަނައިގެން ޕެނަލް ޑިސްކަޝަނެއް ގޮތަށް މަޖިލީހުގައި މަޝްވަރާތައް ކުރިޔަށް ގެންދެވޭނެ ކަމަށާއި، ކަމާބެހޭ ލެކްޗަރާއިން ހިމަނައިގެން އެފަދަ ބިލްތަކާ ބެހޭގޮތުން، މަޖިލިސް މެންބަރުންނަށް ލެކްޗާ ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގޭނެ ކަމަށެވެ.

މީގެ އިތުރުން، ޓައުންހޯލް ގޮތަށް ރަށްރަށުގެ ހޮޅުއަށި ތަކާއި، ޖަމްއިއްޔާތަކުގައި ހިންގާ މަޝްވަރާތަކަކީ މުހިއްމު މަޝްވަރާތަކަށް ވާތީ އެ މަޝްވަރާތައް ރައްޔިތުންގެ މަޖިލީހުގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެގޮތަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިޔަށް ގެންދަން ޖެހޭ ފަސްބިލެއް މިހާރުވެސް މަޖިލީހުގައި އެބައޮތް ކަމަށެވެ.

އޭގެ ތެރޭގައި ވަޒީފާއާބެހޭ ގާނޫނުގެ އިސްލާހުގެ ބިލާއި ފުލުހުންގެ ހިދުމަތުގެ ބިލާއި އިންތިގާލީ އިންސާފުގެ ބިލުގެ އިތުރުން ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލަކީ މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޖެހޭ ބިލުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.