ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނައިފަރު ދާއިރާގެ މެންބަރަށް ދެރައެއް ވާކަށް އަޅުގަނޑު ނޭދެން: މަޖިލިސް ރައީސް

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު، އަހުމަދު ޝިޔާމަށް އެއްވެސް ދެރައެއް ލިބިވަޑައިގަތުމަކީ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މީޑިއާއަށް މައުލޫމާތު ދެއްވުމަށް މިއަދު މެންދުރު ފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމަނިކުފާނު ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިޔަސް އަދި އެނޫން މެންބަރަކަށް ވެސް ދެރަ އެއްވެސް ގޮތެއް މެދުވެރިވެގެން ދިއުމަކީ އެއްވެސް ހާލެއްގައި އެމަނިކުފާނު އެދިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށާއި އެކަން އެހެން ވެގެންވެސް ނުވާނެ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ) އަށް މަޖިލީހުގައި ކިތަންމެ ތަނަވަސް އަދި ބޮޑު އަޣުލަބިއްޔަތެއް ލިބިފައި އޮތަސް، އިދިކޮޅު މެންބަރުން އަދި އިދިކޮޅު ޕާޓީތަކުގެ އަޑު މަޖިލީހުން އިވުމަކީ އަދި އެބޭފުޅުން މަޖިލީހަށް ވަޑައިގަތުމަކީ ކޮންމެހެން ބޭނުންތެރި އަދި މުހިންމުކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އެހެންވީމަ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ޖަލްސާތަކަށް ވަޑަައިގަތުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް." މަޖިލިސް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިމޭރުމުން ވާހަކަފުޅުދެއްކެވި އިރު، އެދިކޮޅު ޕީއެންސީގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރުގެ ނަން އިއްވައި މަޖިލީހުން ނެރުނު އިރު އަމަލުކުރެއްވި ގޮތާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ޝިޔާމް މަޖިލީހުން ނެރެފައިވަނީ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް އާއި އެމްޑީޕީގެ މެންބަރުން ގުޅިގެން ކޮއްޕަޕުން ކަހަލަ ގޮތަކަށެވެ. އެ ވަގުތު މަޖިލިސް ރައީސްވެސް އެ ސަރަހައްދުގައި ހުންނަވަ އެވެ. އެމްޑީޕީގެ މެންބަރުން މެންބަރު ޝިޔާމްގެ ނެރެން ވަޑައިގަތީ، މަޖިލިސް ރައީސްގެ އެންގެވުމަށް ކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ.

މި ޖަލްސާގައި ކަން ހިނގައިދިޔަ ގޮތާއި، ގާނޫނު އަސާސީ އިސްލާހުކުރުމުގައި އަމަލުކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފަޔާ ހިލާފަށް ކަމަށް ބުނެ، މަޖިލީހުގެ ޕީޕީއެމް ޕީއެންސީގެ މަޖިލިސް މެންބަރުން އަންނަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވަމުންނެވެ.