ކޮވިޑް 19 އާއި ގުޅިގެން، ރާއްޖޭއިން ބޭރުގައި ދިރިއުޅޭ ބީއެމްއެލް ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އެ ބޭންކުން ތައާރަފް ކުރި ހިދުމަތްތަކުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
ކޮވިޑް 19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި މީހުންނަށް ބީއެމްއެލް ޑެބިޓް ކާޑުން ދުވާލެއްގެ މައްޗަށް ނެގޭ މިންވަރު އިތުރު ކުރުމުގެ އިތުރުން ދިވެހި ރުފިޔާ އެކައުންޓު ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ގޮތް ބީއެމްއެލުން ވަނީ ހަމަޖައްސައިފައެވެ. އަދި މި ދެ ހިދުމަތް ކުރިން މިއަދުގެ ނިޔަލަށް ލިބޭނެ ގޮތަށް މުއްދަތު އިތުރު ކުރި އިރު، ބީއެމްއެލުން މިހާރު ވަނީ މި ހިދުމަތްތައް ލިބޭނެ އެންމެ ފަހު ތާރީހަކަށް އަންނަ ޖުލައި މަހުގެ ފަސް ވަނަ ދުވަސް ހަމަޖައްސައިފައެވެ.
އެގޮތުން ދިވެހި ރުފިޔާ އެކައުންޓު ބޭނުން ކޮށްގެން ކޮންމެ ކަސްޓަމަރަކަށްވެސް މަހެއްގެ މައްޗަށް 500 ޑޮލަރާއި ހަމަޔަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ގޮތް ބީއެމްއެލުން ވަނީ ހަމަޖައްސައިފައެވެ. މި ގޮތަށް ފައިސާ ފޮނުވުމުގައި ކަސްޓަމަރުން ދައްކަން ޖެހޭނީ ހަމައެކަނި ފޮރިން ބޭންކު ޗާޖު ކަމަށާއި ބޭންކުން މި ހިދުމަތްތަކަށް އިތުރު ޗާޖެއް ނުނަގާނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މޯބައިލް ޕޭ މެދުވެރިކޮށް ޑިޖިޓަލް ވޮލެޓު ބޭނުންކޮށްގެން ކަސްޓަމަރުންނަށް 500 ޑޮލަރާއި ހަމަޔަށް ފައިސާ ފޮނުވޭނެ ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ. ނަމަވެސް މި ހިދުމަތް ލިބޭނީ ފޮރިން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ރާއްޖެއިން ބޭރުގައި ހުންނަ އެމްބަސީތަކުގައި ރަޖިސްޓްރީވެފައިވާ ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލުން ބުނެއެވެ. މި ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސި އިރު ފޮރިން މިނިސްޓްރީން ވަނީ އެ މިނިސްޓްރީގައި ރަޖިސްޓްރީ ވުމަށްވެސް އެދިފައެވެ.
ބީއެމްއެލުން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އޭޓީއެމަކުން ދުވާލަކު ނެގޭނީ 1000 ޑޮލަރާއި ހަމަޔަށް ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި ބީއެމްއެލް ޑެބިޓް ކާޑު ބޭނުން ކޮށްގެން ބޭރު އޭޓީއެމްތަކުން ފައިސާ ނަގާއިރު ބީއެމްއެލުން ޗާޖު ކުރާ މިންވަރު ވަނީ 15 ރުފިޔާއަށް ކުޑަކޮށްފައި ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.