Close
ރިޕޯޓް

މާސްކު އެޅުން: ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ތިބާއަށް މިހާރު ކޮށްދެވޭނެ އެންމެ މުހިންމު ކަންތައް

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދު ގިނަ ދުވަސްތަކެއް ވަންދެން ފުރަބަންދުގައި އޮތުމަށް މިއަދު ލުއިތަކެއް ދޭއިރު، ބޭރުތެރޭގައި އުޅޭއިރު ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ފަރުވާ ކުޑަ ނުކޮށް އެޅުމަށް ސިއްހީ މާހިރުން އަންނަނީ ކެނޑިނޭޅި ހަނދާން ކޮށްދެމުންނެވެ. މީގެކުރިން ގެންގުޅެމުން އައި އާދަކާދަތަކަށް މިވަނީ ގިނަ ބަދަލު ތަކެއް ގެންނަން ޖެހިފައެވެ.

އެގޮތުން އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި، ގިނައިން އަތް ދޮވުމާއި، ބޭރަށްދާއިރު އަތްދަބަހުގައި ހޭންޑް ސެނެޓައިޒާ ގެންގުޅުމުގެ މުހިންމުކަމުގެ އިތުރުން މާސްކް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން އަންނަނީ އިރުޝާދު ދެމުންނެވެ. މީގެތެރެއިންވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޑޮކްޓަރުން ކެނޑިނޭޅި އިރުޝާދު ދެމުން އަންނަނީ ބޭރަށް ނިކުންނަ އިރު މާސްކް އެޅުމުގައި ސަމާލުވުމަށެވެ.

އެހެން ނަމަވެސް އަހަރެމެންގެ ތެރެއިން ބައެއް މީހުން މާސްކު އެޅުމުގައި ފަރުވާ ކުޑަކުރާތަން ފެންނަމުންދެއެވެ. މަގުމަތީގައި އުޅޭއިރު ގިނަ މީހުން ފެންނަނީ މާސް އަޅައިގެން އުޅޭތަނެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު ނޭފަތް ފޮރުވުމުގެ ބަދަލުގައި އަނގަ އެކަނި ފޮރުވައިގެން އުޅޭތަންވެސް ފެނެއެވެ. ހާއްސަކޮށް ފިހާރަތަކުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން މިކަން ގިނައިން ވަނީ ފާހަގަ ކުރެވިފައެވެ.

ފިހާރަތަކުގައި ހިދުމަތްދޭ އެންމެން މާސްކް އަޅަން ލާޒިމް ކަމަށާއި މާސްކް ނާޅައި ތިބޭ މީހުން ފިހާރަޔަށް ވައްދައިގެންވެސް ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގައިފައެވެ. އެހެންކަމުން މާސްކަކީ އަޅަން މަޖުބޫރު އެއްޗަކަށް ވެގެން އެޅުމުގެ ބަދަލުގައި އެކަން ކުރަން ޖެހެނީ ކީއްވެގެންކަން އެންމެންނަށް ވެސް އެނގެން ޖެހެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާސްކް އެޅުމާއި ގުޅޭގޮތުން އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެފައިވަނީ މަގުމަތީގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމާއި ފިހާރަތަކުގައާއި ބަންދުވެފައި ހުންނަ، މީހުންނަށް ހިދުމަތް ދޭ ތަންތަނުގައި ވެސް މާސްކު އަޅައިގެން އަދި އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން އުޅުމަކީ ކުރާން ޖެހޭނެ ކަމެއް ކަމަށެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވަނީ ލޮކްޑައުންއަށް ލުއިތައް ދޭން ނިންމުމާއެކު ޓެކްސީތަކުގައި ޑްރައިވަރުން އަދި ޕަސެންޖަރުން ތިބެންވާނީ މާސްކް އަޅައިގެން ކަމަށާއި ޓެކްސީގެ ދޮރުތައް ހުންނަންވާނީ ހުޅުވާފައި ކަމަށެވެ.

މިކަން މިހެން އޮތް ނަމަވެސް މާސްކް ނާޅަން ޖެހޭ ހާލަތްތަކެއްވެސް ވެއެވެ. އެގޮތުން އުމުރުން ދެއަހަރުން ދަށުގެ ކުދިން މާސްކް ނޭޅުވުމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ. "އުމުރުން ދެ އަހަރުގެ ކުދިން މާސްކު އަޅުވައިގެން ނުވާނެ. އަމިއްލައަށް މާސްކު ނަގަން ނޭނގޭ ވަރުގެ ކުޑަކުދިންނަށް ނޫނީ އެފަދަ ހާލުގައިވާ މީހަކަށް ވެއްޖެއްޔާ މާސްކު އެޅުމެއް ނޫން އޮންނާނީ. އޭނާގެ ރައްކާތެރިކަމަކަށް އެހެން މީހުން މާސްކު އަޅަން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުން ކަސްރަތަށް ނުކުމެ ބާރަށް ހިނގާއިރު ސިއްހީ ގޮތުން ރަނގަޅީ މާސްކް ނޭޅުން ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑް 19 އަކީ އެބަލި ޖެހިފައިވާ މީހަކާ ގާތް ވެއްޖެނަމަ އެމީހަކު ކެއްސައި، ކިނބިހި އަޅައި ނުވަތަ ވާހަކަދައްކާއިރު ބުރައިގެންދާ ޖަރާސީމުގައި ވައިރަސް ހުރެގެން އޭގެ ޒަރީއާއިން ޖެހޭ ބައްޔެއްކަމުން އުމުރުން ދުވަސްވީ މީހުން ކަސްރަތަށް ނުކުމެ އުޅޭ އިރު އެ ގައިދުރުކަން ކަށަވަރުކުރުމުން ފުދޭނެ ކަމަށެވެ. އުުމުރުން ދުވަސްވީ މީހުންނަކީ އެކި ކަހަލަ ބަލިތައް ވެސް ހުންނަ މީހުން ކަމުން، ކަސްރަތާއި ބާރަށް ހިނގުން ނުވަތަ ދުވުން ފަދަ ކަންނަކަމުގައި އުޅޭއިރު، މޫނުމަތި ބަންދުވުން އެންމެ ރަނގަޅު ނޫން ކަމަށެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ މާސްކު އެޅުނީމަ އެ ހިސާބުން ނިމުނީ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ. އިތުރު ކަންކަމަށް ވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.

" ކަންފަތުގެ ފަހަތުގައި އަޅުވާފައި ހުންނަ ލޫޕު ހުންނަން ޖެހޭނެ. ނޫނީ ފަހަތުގައި އައްސައިލެވޭ ކަހަލަ ގޮތަކަށް ހުންނަން ޖެހޭނެ. މާސްކުގައި ވެއްޖެއްޔާ މަދުވެގެން ދެ ލޭޔަރު ނުވަތަ ތިން ލޭޔަރު ހުންނަން ޖެހޭނެ. މާނައަކީ ހަމައެކަނި އެއް ލޭޔަރުގެ ފޮތިކޮޅަކަށް ވެގެން ނުވާނެއޭ. މާސްކުގައި ހުންނަން ޖެހޭ އަނެއް ސިފައަކީ މާސްކު އަޅާފައި ހުންނަ އިރު، ފަސޭހައިން ނޭވާލެވެން ޖެހޭނެ. އެއްވެސް ވަރަކަށް މާސްކުގެ ބޯމިނުން ނުވަތަ މާސްކު ހެދިފައިވާ ގޮތަކުން ނޭވާ ރަނގަޅަށް ދައުރު ނުވާ ގޮތަކަށް ހުރެގެން ނުވާނެ. އަދި މާސްކު ހަދާފައި ހުންނަ ފޮއްޗަކީ އެހާ ފަސޭހައިން ތެމޭ ކަހަލަ ފޮއްޗަކަށްވެސް ވެގެން ނުވާނެ. ކޮންމެވެސް ވަރެއްގެ ވޯޓާ ރެޕެލަންޓް ފޮއްޗަކަށް ވާން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ފިހާރަތަކުގައި ގެންގުޅޭ ބިދޭސީ މުވައްޒަފުންނަށްވެސް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީ ތިމާއާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާސް އެޅުމުގައި މިކަންކަމަށް ހާއްސަ ސަމާލުކަން ދިނުމަށް ފިޔަފާރިތައް ހިންގާ ފަރާތްތަކުން ބާރު އެޅުން މުހިންމެވެ. އަދި މާސްކަކީ އަނގައެކަނި ފޮރުވާ އެއްޗެއްގެ ބަދަލުގައި އަނގަޔާއި ނޭފަތް ކަވަރު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން އެބަ ޖެހެއެވެ. ހަމަ އެހެންމެ ބޭރަށް ނުކުމެ އުޅޭ އިރު އާއި އޮފީސް މާހައުލުފަދަ ތަންތަނުގައި މާސް އެޅުމަށް އާދަ ހިފަން އެބަ ޖެހެ އެވެ. ހަމަ އެހެންމެ މާސް އަޅާނެ ގޮތާއި ނަގާނެ ގޮތާއި ގެންގުޅޭނެ ގޮތާއި ނައްތައިލާނެ ގޮތާއި މާސްކް ދޮވުން ފަދަ ހުރިހާ ކަމަކަށްވެސް ހާއްސަ ސަމާލުކަމެއްދީ އެންމެ ރަނގަޅުގޮތުގައި އެކަންކަން ކުރާން އާދަކުރާން އެބަ ޖެހެ އެވެ.