ޚަބަރު

ރައީސް ވަހީދަށް ފުރައްސާރަ ކުރި މައްސަލަ އެމްއާރުއެމް އާއި ޖޭޕީން ކުށްވެރިކޮށްފި

މަރިޔަމް ޝަހުދާ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް މީހަކު މިއަދު ހެނދުނު ފުރައްސާރަ ކުރި މައްސަލަ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުށްވެރިކޮށްފިއެވެ.

ކުރީގެ ރައީސް އަދި އެމްއާރުއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު ރައީސް ވަހީދަށް ފުރައްސާރަ ކުރި މައްސަލަ އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ ފުރައްސާރަ ކުރުންތަކަށް މުޖުތަމައަށް ޖާގައެއް ނުދޭނެ ކަމަށް މައުމޫންގެ ޓުވީޓުގައި ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޖޭޕީން ނެރުނު ބަޔާނެއްގައި ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ނިސްބަތްކޮށް ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓެއް ހުތުރު ބަހުން މުއާމަލާތްކޮށް، އެ ދެމަފިރިންގެ ފަހަތުން ހިނގައި، ގޯނާ ކުރި ކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައިވެއެވެ.

އެޕާޓީން ވަނީ ދިވެހިންނަކީ ޒަމާނުއްސުރެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އިސްކޮށް ދަތި އުނދަގޫ ހާލަތްތަކުގައިވެސް އެކަކު އަނެކަކަށް އެހީތެރިކަންދޭ ބައެއް ކަމުގައި ބުނެފައެވެ. އަދި މަދުބައެއްގެ ފަރާތުން ފެންނަ މިފަދަ ދަށުދަރަޖައިގެ އަމަލުތަކަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ޖޭޕީން ބުނެފައިވެއެވެ.

މީގެ އިތުރުން ގާނޫނީ ގޮތުން އެއްވެސް ދިވެއްސަކަށް ލިބިފައިވާ ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް ހާލަތެއްގައި އެހެން މީހަކު ނިގުޅައިގަތުމަކީ ގާނޫނީ ކުށެއް ކަމަށް އެޕާޓީން ބުނެފައިވެއެވެ. މިފަދަ އަމަލެއް ކުރާ މީހަކަށް ގާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅުމަށް ޖޭޕީން ގޮވާލާފައިވެއެވެ. އަދި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޖޭޕީން ގޮވާލިއެވެ.

ޖޭޕީން ވަނީ ރާއްޖޭގެ ގާނޫނު އަސާސީ ނަގަހައްޓައި ދެމެހެއްޓުމުގައި އާންމުންގެ މަސްލަހަތު ހިމާޔަތްކޮށް، އިޖުތިމާއީ ހަމަޖެހުން ގާއިމުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.

ކުރީގެ ރައީސް ވަހީދު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވަނީ އެމަނިކުފާނާއި އަނބިކަނބަލުން މިއަދު ހެނދުނު ކަސްރަތު ކޮށްލަން ނުކުތް ވަގުތު އެމްޑީޕީގެ އެކްޓިވިސްޓެއް އެދެކަނބަލުންނަށް ފުރައްސާރަ ކުރި ކަމަށް ވިދާޅުވެފައެވެ. އަދި އެމީހާ ދަރުބާރުގެ ބިއްދޮށު ސަރަހައްދުން ބުރިޖާ ހަމައަށް އަވަގުރާނަ ގޮވަމުން އައި ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ފުލުހުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.