Close
ޚަބަރު

ދެ އަހަރު ނުވާ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކާފަ އާއި މުނިކާފަ އިންކާރުކޮށްފި

ގއ. ކަނޑުހުޅޫދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެކުއްޖާގެ ކާފަ އާއި މުނިކާފަގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް އެ ދެމީހުން ވެސް އިންކާރުކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލަ ފަޅާއެރީ އެ ކުއްޖާގެ މަންމަ ފަރާތު އާއިލާއަށް އެކަން އެނގުމުުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމުންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ކާފަ، އިބްރާހިމް ދީދީ، 62 އާއި މުނިކާފަ ހަސަން މޫސާ ދިދީ، 82 އަދި ކުއްޖާގެ ބައްޕައެވެ. މީގެ ތެރެއިން ކާފައަކީ ރަށު މިސްކިތުގެ ކުރީގެ މުދިމެވެ.

މި މައްސަލައިގައި ކުއްޖާގެ ކާފަ އަދި މުނިކާފައަށް ދައުވާކުރަން ފޮނުވީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެމީހުންގެ މައްޗަށް ކޮށްފައިވަނީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެ ދެ މީހުންގެ މައްސަލައިގެ އިބްތިދާއި އަޑުއެހުމެއް ފެބްރުއަރީ 24ގައި ކްރިމިނަލް ކޯޓުގައި ބޭއްވިއެވެ. ޕީޖީ އޮފީހުން ބުނީ، ސިއްރު މައްސަލައެއްގެ ގޮތުގައި ކުރިޔަށް ދިޔަ އެ އަޑުއެހުމުގައި އެ ދެމީހުން ވެސް ދައުވާއަށް އިންކާރުކޮށްފައިވާ ކަމަށެވެ. އަދި އަޑުއެހުމުގައި ދެ މީހުން ވެސް ވަނީ ވަކީލުން ހަމަޖެއްސުމުގެ ފުރުސަތަކަށް އެދިފައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން މާޗް 16 ވަނަ ދުވަހު ވެސް އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވި ކަމަށެވެ. ވަކީލަކާއެކު ބޭއްވި އެ އަޑުއެހުމުގައި ދައުލަތުން އުފުލާފައިވާ ދައުވާއަށް އެމީހުން އިންކާރު ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި ހިމެނޭ މުނިކާފަ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މިހާރުވެސް ޝަރީއަތް ކުރަމުންދާ މީހެކެވެ.