ލުއި ރިޕޯޓް

ފުރަބަންދާއެކު ހުޅުމާލޭ ސެންޓްރަލް ޕާކު ފަޅުވެ، ވެޔޮ ހެދި ޖަންގައްޔަކަށް

އެއީ އެތައް ކުދިންނެއް ސަކަރާތް ޖަހައި، ދުވެފުމެ އުޅުނު ތަނެކެވެ. ދުވަސްވީ މީހުންނަށް އުފާވެރިކަން ގެނެސްދިން ހިޔާދޭ ގަސްތައް ގިނަ ބިމެކެވެ. ބުރަބޮޑު ދިރިއުޅުމުން ދުރުވެ، ހިތްހަމަޖައްސާލަން އެތައް ބަޔަކު ޖަމާވި މާހައުލެކެވެ. ކަސްރަތު ކުރުމަށާއި ފޮޓޯ ޝޫޓުތަކަށް ފުރިހަމަ މަންޒިލެކެވެ. ފައްވާރުތަކާއި ހިތްގައިމު ބޮޑު ފެންގަނޑު ހުރަސްކޮށްލަން އަޅާފައި އޮތް ބުރިޖާއެކު އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

މިއީ ތޮއްޖެހިފައިވާ މާލޭގެ ހަވަނަ އަވަށް ކަމުގައިވާ ހުޅުމާލޭގައި ހަދާފައިވާ ސެންޓްރަލް ޕާކުގެ ފުރިހަމަ ކަމެވެ. ކުރިން ޖަންގަލި ހެދި، ބަނަވެފައި އޮތް އެ ސަރަހައްދުގައި ގާތްގަނޑަކަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހެދި ލެޝާ ޒޯންގެ ވާހަކައެވެ.

ނަމަވެސް ކޮވިޑް-19އާއެކު އެތަނަށް މިއަދު ކުރަހާލަން ޖެހެނީ ތަފާތު މަންޒަރެކެވެ. މާލެ ސަރަހައްދު ފުރަބަންދު ކުރުމާއެކު އެތަނަށް އެއްވެ އުޅުނު އެތައް ބަޔަކު ގޭގައި ބަންދުވިއެވެ. ރައްކާތެރިކަމަށްޓަކައި އެތަނުގެ ބޭރުން ވަނުން މަނާ ޓޭޕު ދެމިއެވެ. އެތަނަށް އަޅާލާނެ މީހަކު ނުވިއެވެ. ސެންޓްރަލްޕާކުވެސް ފުރަބަންދޫ ވީއެވެ.

މިއަދު އެތަނުން ފެންނަނީ ފަޅު ކަމެވެ. އެކަނިވެރިކަމާއި މާޔޫސްކަމެވެ. ދިރުމެއް ނުފެނެއެވެ. ގަސްބޯވެ، ބޮޑުބައެއްގައި ވަނީ ޖަންގަލި ހެދިފައެވެ. ބައެއް ތަންތަނުގެ ކުލަ ކެހި ވަނީ ވީރާނާ ވެފައެވެ. ހިނގާލަން އޮތް މަގުގައި ވިނަފަޅައި ފޮރުވެނީއެވެ. ހަދާފައި އޮތް ބޮޑު ފެންގަނޑު ވެސް އޮތީ ހިކިި، ކިސަޑަށް ވެފައެވެ. ކަހަނބުތަކާއި މަސްތައް ދަނީ މަރުވަމުންނެވެ.

ހައުސިން ޑިވެލެޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރު ސުހެއިލް އަހުމަދު "ވަން" އަށް ވިދާޅުވި ގޮތުގައި، ކޮވިޑް-19އާ ގުޅިގެން އެކުންފުނީގެ ހުރިހާ މުވައްޒަފުން ކަރަންޓީނުގައި ތިބުމުން ސެންޓްރަލް ޕާކުގެ އިތުރުން އިތުރު އެއްވެސް ޕާކެއް ބެލެހެއްޓިފައެއް ނެތެވެ.

ނަމަވެސް މީގެ ދެ ދުވަހެއް ކުރިން ފެށިގެން ޕާކުތައް އަލުން ރީތިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ސެންޓްރަލް ޕާކުގެ ވެސް މީހުން ގޮސް އުޅޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސުހެއިލް ވިދާޅުވިއެވެ.

އޭގެ އިތުރުން ވިނަ ހެދި ގަސްބޯވެފައި އޮތް ނަމަވެސް ސެންޓްރަލް ޕާކުގައި ބޮޑެތި މަރާމާތުތަކެއް ކުރަން ނެތް ކަމަށާއި އެހެންކަމުން މާދަމާއިން ފެށިގެން އެތަން އާންމުންނަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސެންޓްރަލް ޕާކު މާދަމާ އާންމުންނަށް ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުނެފައިވާއިރު މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންގައި ހިފަހައްޓާފައި ހުރި ބައެއް ކަންކަމަށް ލުއިދިނުމުގެ ދެވަނަ މަރުހަލާ މާދަމާ ފެށޭނެއެވެ. ދެވަނަ މަރުހަލާގައި ޕާކުތަކާއި އެހެނިހެން މައިޒާންތައް ހުޅުވާލާނެއެވެ. ނަމަވެސް އެފަދަ ތަންތަނުގައި އަތްދޮވެވޭނެ ނުވަތަ ސެނިޓައިޒްކުރެވޭނެ ފަސޭހަ އިންތިޒާމެއް ގާއިމުކުރެވިފައި ހުންނަން ވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވެއެވެ.

އޭގެ އިތުރުން މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ބޭރަށް ނުކުތުމުގައި، ފުލުހުންގެ ހުއްދަ ހޯދަން ނުޖެހޭއިރު އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް އާންމު ތަންތަނުގައި އެއްވެ އުޅުމުގެ ހުއްދަވެސް ވަނީ ދީފައެވެ.

މާލެ ސަރަހައްދު ލޮކްޑައުންކުރިތާ މާދަމާއަށް ދެ މަސް ދުވަސްވާއިރު ގެއްލުން ލިބިފައިވަނީ ސެންޓްރަލް ޕާކަށް އެކަންޏެއް ނޫނެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އެތައް ދުވަހެއް ވަންދެން ނުދުއްވާ، ޕާކުކޮށްފައި ހުންނަ ވެހިކަލްތައް މިއަދު ފޮރުވެމުންދަނީ ވެޔޮތަކުންނެވެ. ފެހިކުރަން އިންދާފައި ހުރި ވިނަތައް ބޯވެ ތަރައްގީގެ ސިޓީ ޖަންގައްޔަކަށް ބަދަލުވުމުގެ މަންޒަރުތައް މިއަދު ދަނީ ފެންނަމުންނެވެ.