ޚަބަރު

އަމިއްލަ ޝިޕިން ލައިނެއް އޮތުމުގެ ސަބަބުން ސިއްހީ ސާމާނު ގެނައުމަށް ފަސޭހަވި: އެސްޓީއޯ

މަރިޔަމް ޝަހުދާ

ރާއްޖޭގެ އަމިއްލަ ޝިޕިން ލައިނެއް އޮތުމުގެ ސަބަބުން ކޮވިޑް 19ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކާގޯ ގެނައުމަށް ދަތިތަކާ ދިމާވެފައިވާ މި ދަނޑިވަޅުގައި ސިއްހީ ސާމާނު ގެނައުމަށް ފަސޭހަވި ކަމަށް އެސްޓީއޯގެ ފިއުލް، ލޮޖިސްޓިކް އަދި ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރު އަބްދުލް ވާހިދު މޫސާ ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ވާހިދު ވިދާޅުވީ މިއަހަރު އަލަށް ހުޅުވި ރާއްޖޭގެ އަމިއްލަ ޝިޕިންގް ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ސަބަބުން ރާއްޖެއަށް މުދާ ގެނައުމަށް ވެސް ފަސޭހަވި ކަމަށެވެ.

ރާއްޖޭގެ އަމިއްލަ ޝިޕިންގް ލައިން ކުންފުނި ހުޅުވިގެންދިޔައީ ދުނިޔޭގެ އިގުތިސާދު ހީނަރުވެފައިވާ ދުވަސްވަރެއްގައި ކަމުން މިއީ ވިޔަފާރީގެ ގޮތުން ބަލާނަމަ މިފަދަ އިންވެސްޓުމަންޓެއް ކުރުމަށް އެންމެ ރަނގަޅު ދުވަސްވަރު ނޫން ކަމަށް ވާހިދު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ އަމިއްލަ ޝިޕިންގް ލައިނެއް ފެށުން ވެގެންދިޔައީ އެސްޓީއޯއަށް ކުރެވުނު ރަނގަޅު އިންވެސްޓުމަންޓަކަށް ކަމަށާއި ކޮވިޑުގެ ހާލަތުވީ މި އިންވެސްޓުމަންޓުގެ އެންމެ ބޮޑު ފައިދާ ކުރި ވަގުތު ކަމަށް ވާހިދު ފާހަގަކުރެއްވިއެވެ.

އެގޮތުން މި ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ އެކި ސިއްހީ ސާމާނުތަކުގެ ތެރެއިން ސްރީލަންކާގައި ހުރި ބައެއް މެޑިކަލް އިކުއިޕްމަންޓުތަކާއި ކޮވިޑް ވިލެޖުތަކަށް ބޭނުންވާ އެނދުތައް ފަދަ ސާމާނު ރާއްޖެއަށް ގެނެވުނީ ރާއްޖޭގެ އަމިއްލަ ޝިޕިން ލައިނެއް އޮތުމުން ކަމަށާއި އަދި މިނޫންވެސް ވަރަށް ގިނަ އިކުއިޕްމަންޓުތަކެއް ރާއްޖޭގެ އަމިއްލަ ޝިޕިން ލައިނުގެ ބޯޓުފަހަރުގައި ރާއްޖެއަށް ގެނައި ކަމަށް ވާހިދު ވިދާޅުވިއެވެ.

ގައުމީ ޝިޕިން ކުންފުނީގެ ގޮތުގައި އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގެ ހިދުމަތް ދޭން ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުއެވެ. ރާއްޖޭގެ އަމިއްލަ ޝިޕިން ކުންފުންޏާއެކު މުދާ އެތެރެ ކުރުމުގައި ބޭރުގެ ބަޔަކަށް ޖެހިފައި އޮންނަން ދެން ނުޖެހޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.