އެމްޑަބްލިއުއެސްސީ

ފެން ބިލުގެ ރީޑިން ނަގަން ގޭގެއަށް ދާން ފަށައިފި

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުނަށް މިހާރު ލުއިތަކެއް ދީފައިވާތީ، މި މަހުގެ ފެން ބިލު ހަދަން ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގަން ފަށާނެ ކަމަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން މިދިޔަ މަހު ބިލްތައް ހަދާފައިވަނީ އެކުންފުނީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުން ފޮނުވާފައިވާ މީޓަރު ފޮޓޯތަކުން ފެންނަ ހުރި ރީޑިން ނަގައިގެންނެވެ. ނަމަވެސް ފޮޓޯ ފޮނުވުމުގައި ދަތިތައް ހުރި ފަރާތްތަކުގެ ބިލުތައް ހަދާފައިވަނީ އެވަރެޖު ބަލައިގެން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިޔުއެސްސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ލޮކްޑައުނަށް ލުއިތަކެއް ދިނުމާއެކު މިމަހުގެ ބިލް ހަދާނީ ކުރިއެކޭވެސް އެއްގޮތަށް ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގައިގެން ކަމަށާއި ނަމަވެސް މޮނީޓަރިންގެ ހާލަތުގައިވާ ގެތަކަށް ފޮނުވޭނީ އެވަރެޖު ބިލެއް ކަމަށެވެ.

ގޭގެއަށް ގޮސް ފެން ބިލް ތައްޔާރުކުރަން ފެށި ނަމަވެސް ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށާއި އެހެންކަމުން ބޭނުންވާ ކަސްޓަމަރުންނަށް ކުރިއެކޭވެސް އެއްގޮތަށް މީޓަރުގެ ފޮޓޯ ފޮނުވައިގެން އެ ހިދުމަތް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޑަބްލިޔުއެސްސީގެ އިތުރުން ސްޓެލްކޯއިންވެސް މިމަހުގެ ބިލް ތައްޔާރުކުރާނީ ގޭގެއަށް ގޮސް ކަރަންޓް މީޓަރުތަކުގެ ރީޑިން ނަގައިގެން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.